ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގދ.ވާދޫގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.
ބީއެމްއެލްއިން ބުނީ މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ.
މި އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުންނެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ ފުޅާކޮށް ބޭންކިންގ ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ޓީމުތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންކަމަށެވެ. އަދި ބީއެމްއެލްގެ ނެޓްވޯކްގައި 140 އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭއިރު، މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިންގ ހިދުމަތްދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާކަމީ ލިބޭ ފަހުރެއްކަމަށް ބީއެމްްއެލްއިން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ބުނެއެވެ.