އެއާޕޯޓްގައި ޓޫރިޒަމްގެ ހެލްޕް ޑެސްކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

އެއާޕޯޓްގައި ޓޫރިޒަމްގެ ހެލްޕް ޑެސްކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 04:38
0

ވެލާނާ އިންޓަރނޭޝަން އެއަރޕޯޓްގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހެލްޕް ޑެސްކް މިއަދު ޤާއިމްކޮށް އެތަނުގައި ޚިދުމަތްދޭންވަނީ ފައްޓާފައެވެ.

މި ހެލްޕް ޑެސްކް އިފްތިތާޙުކޮށް ދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯރޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ އަލްފާޟިލް މުހަންމަދު ޝިޔާމް އެވެ. ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމްގެ އިތުރުން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްއާއި، އެއަރޕޯރޓުގައި ޙަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުން ބައިވެރިވަޑައިގެންނެވިއެވެ.

މި ޑެސްކް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ ގައިޑްލައިންތަކުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްޙީ ޚިދުމަތްދޭ އިދާރާތަކާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިޒޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުންވެސް އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މި ނޫންވެސް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރލައިންތަކާއި ޓޫރިސްޓް ޕޮލިހާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މި ނޫންވެސް ފަތުރުވެރިންނަށް އެއަރޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ ފަތުރުވެރިކަމަށް ވީހިނދު، އެ ފަރާތްތަކަށް ރާއްޖެއިން ފުރަތަމަ މަރުޙަބާ ކިޔާތަނަކީ އެއަރޕޯޓްކަމަށް ވާތީ، މި ހެލްޕް ޑެސްކް ސަބަބުން އެ ފަރާތްތަކަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން, ފަތުރުވެރިން ރާއްޖެއައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފަސޭހަކަމާއިއެކު ޢަމަލުކުރެވި، ފަތުރުވެރިންގެ ރައްކައުތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.