އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި، ކުރެވޭ އިސްރާފުތައް ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އާސަންދައިން ރައްޔިތުންގެ ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރާއިރު، އަދިވެސް ބައެއް ކުދިކުދި ބަލިތަކަށާއި، އާންމު ބައެއް ބަލިތަކަށްވެސް އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އާސަންދައިގެ ޚިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައިކަމަށެވެ.
އާސަންދައިން ކުރެވޭ ބޭކާރު ޚަރަދުތަކާއި، އަދި އެންމެ އާންމު ކުދިކުދި ޞިއްޚީ ކަންކަމަށްވެސް އާސަންދަ ނުލިބޭކަމުގެ ޝަކުވާއަކީ ލިބޭ ޝަކުވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމަށް ހައްލު ގެނައުމަށްޓަކައި އާސަންދައިގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެ، ގެންނަން ޖެހޭ ބަދަލުތަކާއިއެކު އެކުލަވާލެވޭ ޚާއްސަ ރޕޯޓެއް މަޖިލީހަށްވެސް ހުށަހަޅުއްވާނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
އާސަންދައިގެ އެހީ ލިބެންޖެހޭ ބައިވަރު ކުުދިކުދި ނުލިބޭ ކަންތައްތައްވެސް އެބަހުރި. އަޅުގަނޑު ބަލާފަ އެކަންތައްތަކަށް ވީ އެންމެ ރަނގަޅަކަށް ހައްލު ހޯދައި ދޭނަން.
– މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައިވެސް އާސަންދައިން އެންމެ ބޮޑު މަސައްކަތެއް ކުރައްވާފައިވަނީ ކުންފުނި ހަރުދަނާކުރުމަށެވެ. އެގޮތުން ދެފުށް ފެންނަ ނިޒާމެއް ކުންފުނީގައި އުފައްދާ ކުންފުނީގެ އަހަރީ ހިސާބުތަކުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ކުންފުނީގެ އޮޑިޓެއް ހިންގަވާ ހުއްޓިފައިވާ ވިނަވި އާސަންދަ ސިސްޓަމްގެ ދަށުން މާލެއާއި އަތޮޅުތެރޭގެ ޚިދުމަތްތައް އެއްވިއުގައަކުންވަނީ ގުޅާލާފައެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ވޭތުވެދިޔަ 10 އަހަރު ތެރޭ ދައުލަތުގެ ބަޖެޓުން 16 ބިލިއަން ރުފިޔާ ޚަރަދު ވަނީ ކޮށްފައެވެ.
އާސަންދަ ޚިދުމަތަކީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ބޭސްފަރުވާ ފޯރުކޮށްދިނުމަށް 2008 ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ މަދަނަ ސްކީމްގެ ނަމުގައެވެ. އޭގެފަހުން ސަރުކާރުންވަނީ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2012 ވަނަ އަހަރު އާސަންދައިގެ ނަމަށް ސްކީމް ބަދަލުކޮށްފައެވެ.