ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމަންޓު އުވިދާނެކަމުގެ އެއްވެސް ބިރެއް ނެތްކަމުގައި އެޕާޓީން ބުނެފިއެވެ.
އެމްއާރުއެމް އިން މިހެން ބުނެފައިވަނީ 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމާއި ގުޅިގެން އެމްއާރުއެމްއަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
އެޕާޓީން މިއަދު ބުނީ މިއަދު އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތަކާއެކު މިހާތަނަށް އީސީ އިން ޕްރޮސެސް ނުކުރެވި 500 އަށްވުރެ ގިނަ ފޯމް ވާނެ ކަމަށެވެ. އަދިވެސް ގިނަ އަދަދެއްގެ ފޯމް ފޮނުވުމުގެ މަސައްކަތްދަނީ ކުރެވެމުން ކަމަށާއި، އެމްއާރްއެމްގެ ލޮބުވެތި މެންބަރުން ދެއްވާ އެހީތެރިކަމަށް ޝުކުރުދަންނަވާ ކަމުގައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފައެވެ.
އިލެކްޝަންގެ ދަފްތަރުގައި 3،000 މީހުން ހަމަނުވާ ޕާޓީތައް:
– މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން
– މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން
– މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން
– ދިވެހިރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން
ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން ނޯޓިސް ދިނުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 2 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއެވެ.
ކޮމެންޓު ފޮނުވާ