ޕެރޫގެ ކުރީގެ ރައީސް އަލްބާރޓޯ ފުޖިމޯރީ ޖަލުން މިނިވަން ކުުރުމަށް އެގައުމުގެ އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ކުށުގައި ފުޖިމޯޓީ ޖަލަށް ލެވިފައިވަނީ 2032 ވަނަ އަހަރުގެ ނިޔަލަށެވެ.
މިހާރު އުމުރުފުޅުން 83 އަހަރުގެ ފުޖިމޯރީއަށް 2017ވަނަ އަަހަރުވެސް ވަނީ މާފް ދީފައެވެ. އެހެންނަމަވެސް އެފަހަރު މާފް ދީފައިވަނީ އުސޫލާ އެއްގޮތަށް ނޫންކަމަށް ބުނެ، ޕެރޫގެ ކޮންސްޓިޓުޝަނަލް ޓްރިބިއުނަލްއިންވަނީ އޭނާގެ ޖަލު ހުކުމް ފަހުން ދަމަހައްޓާފައެވެ.
ފާއިތުވެދިޔަ ބުރާސްފަތި ދުވަހު، ޕެރޫގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ފުޖިމޯރީގެ މާފް އަލުން ދަމަހައްޓާފައިވަނީ، ފަހުން އެ ކޯޓަށް އާ ފަނޑިޔާރުންތަކެއް އައްޔަން ކޮށްފައިވަނިކޮށެވެ. ބެލެވިފައިވާ ގޮތުގައި ކޮންސްޓިޓިއުޝަނަލް ކޯޓަަށް ފަހުން އައްޔަން ކޮށްފައިވާ ފަނޑިޔާރުންނަކީ ފުޖިމޯރީއަށް ހަމްދަރުދީވާ ފަނޑިޔާރުން ތަކެކެވެ.
ކޯޓުން އާންމު ކޮށްފައިވާ ނިންމުމުގައި ވާގޮތުން ފުޖިމޯރީ މިނިވަން ކުރުމަށް ފަނޑިޔާރުން ވޯޓު ދީފައިވަނީ 3-4 އިންނެވެ.
ފުޖިމޯރީ މިނިވަންކުރުމަށް ޕެރޫގެ އެންމެ މަތީ ކޯޓުން ނިންމާފައިވި ނަމަވެސް، އޭނާ ޖަލުން ދޫކޮށްލާނީ ކޮންއިރަކު ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި ގާނޫނީގޮތުން މިމައްސަލައަށް ދެން ކުރިމަތިވެގެން ދާނީ ކޮންކަހަލަ ގޮންޖެހުންތަކެއް ކަމެއްވެސް އަދި ސާފު ވެފައެއް ނުވެއެވެ.
ކޯޓުގެ މިނިންމުމާއި ގުޅޭގޮތުން ރުޅިވެރިކަން ފާޅުކޮށް، ޕެރޫގެ މިހާރުގެ ރައީސް ޕެޑްރޯ ކާސްޓިލޯ ވަނީ، އިންސާފު ގާއިމް ކޮށްދިނުމަށް ބައިނަލް އަގުވާމީ ކޯޓުތަކަށް ގޮވާލައްވާފައެވެ. ޕެޑްރޯ ކާސްޓިލޯއަކީ ފުޖިމޯރީގެ ވަރަށް ބޮޑު ސިޔާސީ ވާދަވެރިއެކެވެ.
ކޯޓުން ފުޖިމޯރީ މިނިވަން ކުރުމާއި ގުޅިގެން، ޕެރޫގެ ވާތުފިޔައިގެ ގުރޫޕްތަކުންވަނީ ކޯޓުގެ މި ނިންމުމާއި ދެކޮޅަށް އެގައުމުގައި މުޒާހިރާ ކުރުމަށް ގޮވާލާފައެވެ. 2017ވަނަ އަަހަރު ފުޖިމޯރީއަށް މާފް ދިނުމާއި ގުޅިގެންވެސް އެގައުމުގައި މުޒާހިރާތައް ކުރިޔަށް ގޮސްފައި ވެއެވެ.
ފުޖިމޯރީގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި އެގައުމުގެ އިގްތިސާދަށް އޭނާ ގެނައި ބަދަލުތަކުގެ ސަބަބުން، އިންފްލޭޝަން މަތިވެ، އެގައުމުގެ އިގްތިސާދު ހައިޕަރ އިންފްލޭޝަން ތަޖުރިބާ ކޮށްފައި ވެއެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ފަހުން ހުކުމް ކޮށްފައިވަނީ، އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތުގައެވެ. އޭނާގެ ވެރިކަމުގައި އޭނާވަނީ، އެގައުމުގެ "ޝައިނިންގ ޕާރތު" ގެރިއްލާ ގުރޫޕާއި ދެކޮޅަށް ވަރަށް އަނިޔާވެރި އަމަލްތައް ހިންގާފައެވެ.
އަދި އޭނާވަނީ އެގައުމުގެ ކޮންގްރެސް އުވާލުމަށް އަސްކަރިއްޔާއަށް އޭރު އަމުރު ކޮށްފައެވެ. އަދި އޭނާގެ ވެރިކަމުގެ ދައުރުގައި އޭނާ އާގާނޫނު އަސާސީއެއްވެސް އެކުލަވާލިއެވެ. ފުޖިމޯރީ ޕެރޫގެ ރައީސްކަން ކުރައްވާފައިވަނީ 1990 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާއި ހަމައަށެވެ.