ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމީހާ، މަޝްހޫރު ރެޕާ ކާންޔޭ ވެސްޓްގެ އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.
ޚަބަރުތައް ބުނާގޮތުގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑް ކުރީ މީހަކަށް ފުރައްސާރަ ކުރިކަމަށް ބެލެވޭތީ، އިންސްޓަގްރާމްގެ އުސޫލު ތަކާއި ހިލާފް ވެފައި ވުމުންނެވެ.
ކިމް އާއި ކަންޔޭ ކައިވެނި ރޫޅާލުމުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ކާންޔޭ ވަނީ ކިމް ބަދުނާމުކޮށް ފުރަށްސާރަ ކޮށްފައެވެ. ކާންޔޭގެ އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީވެސް ކިމްއާ ދެކޮޅަށް އޭނާ ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކޮމެންޓް ކުރި ކޮމޭޑިއަން ޓްރެވޯ ނޯހް އާ ގުޅޭގޮތުން ކާންޔޭ ކުރި ޕޯސްޓެއްގެ ސަބަބުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ކާންޔޭ ކުރި ޕޯސްޓް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ. ނަމަވެސް ކާންޔޭ އަށް 24 ގަޑިއިރު ވަންދެން އިންސްޓަގްރާމްގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރެވޭ ގޮތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ސޯޝަލް މީޑިއާގެ ޕްލެޓް ފޯމް ތަކުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި، ގަނާ ކުރުމާއި ފުރައްސާރަ ކުރުމާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އުސޫލުތަކާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި ސަސްޕެންޑް ކުރެއެވެ.
މިކަން ކުރަނީ ސޯޝަލް މީޑީއާ ބޭނުން ކުރާ މީހުން ވަކި ހައްދެއް ހުދޫދެއްގެ ތެރޭގައި ބޭތިއްބުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ