އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް: އަމީރު

އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް: އަމީރު

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 09:27
0

ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު އަންނަނީ ހޯދައިދެމުންކަމަށެވެ. އަދި އިޤްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެކަމަށެވެ.

އިޤްތިސާދު ހުއްޓި، ބޭރު ފައިސާ ތަދު މި ދަނޑިވަޅުގައި މި މިންވަރުގައި ރިޒާވް ހިފެހެއްޓި، ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރެވިގެން މި ދަނީ ފިސްކަލް ޕޮލިސީގެ ހަރަކާތްތަކުން ކަމުގައި ފާހަގަކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ޚަރަދަށް ގެނައި ބަދަލުތަކާއި، ރައްޔިތުންނަށް ސީދާ ގޮތުން އެހީތެރިވުމާއި، މިހާތަނަށްވެސް ކޮންސެޝަނަލް ގޮތްގޮތުން ބަޖެޓު ފައިނޭންސްކޮށްފައިވުމަކީ، މިއިން ޒަމާނަކު ނުވެއްޓޭފަދަ އިޤްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައިވެސް، މި ޝޮކުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައި ލޮޅުން ކުޑަކޮށްދިނުމަށް އެހީތެރިވި ކަންތައްތައް ކަމަކީ މިއަދު އަމާންކަމާއިދެވޭ އެއްސަބަބު ކަމަށެވެ.

މިއީ ހަމަ ޔަޤީނުންވެސް ފަހަތަށް ޖެހެންވީ ވަގުތެއް ނޫން. މިހާރު މި އޮތް ހާލަތުން އަރައިގަނެ، އިޤްތިސާދު ވީ އެންމެ އަވަހަކަށް ރިބައުންޑްކުރުމަށް އޮތް ހައްލަކީ ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިޤްތިސާދު ސްޓިމިއުލޭޓްކުރުން. މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިޤްތިސާދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫޢުތައް ފަށައި، އިޤްތިސާދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްޤީ އަށް އިންވެސްޓްކުރަންވީ ވަގުތު.

– އިބްރާހިމް އަމީރު

މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރާއި ކުރިމަތިލަނީ، އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަޤީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން ކަމަށެވެ. އަދި އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެންކަމަށެވެ.

މިގޮތުން، ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފެހެއްޓޭކަމަށެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަށަށްދާ ސަބަބަކީ ތެލުގެ އަގު ދަށްވެފައިވުމާއި، ބާޒާރުގައި ޑިމާންޑް ދަށްވުމާއި، ކޯވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓުބިލުންނާއި ފެންބިލުތަކުން ޑިސްކައުންޓް ދީފައިވުމުވެ.

އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި. މިއީ މި އަހަރު ނަގާފައިވާ ޕޮލިސީ އެކްޝަންތަކުގެ ބޭސް އިފެކްޓް. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅައިބަލާއިރު، މިއީ ދަށް އަދަދެއް.

– އިބްރާހިމް އަމީރު

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ބިލުވެސް ވަނީ ދަށަށް ގޮސްފައިވާކަން ފާހަގަކޮށް މިނިސްޓރަ ވިދާޅުވީ ބޭރު ފައިސާ ވަންނަ މިންވަރު ދަށްވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރުވެސް ދަށްކަން ފާހަގަކުރާކަމަށެވެ. ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓްސްގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައިކަމަށްވާއިރު، މިއީ ކުރީ އަހަރަށްވުރެ ދަށް އަދަދެއްކަމަށެވެ. އިޤްތިސާދީ ހަރަކާތްތައް އިތުރުވަމުން އައުމާއެކު، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށެވެ. ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައިކަމަށާއި، މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއްކަމަށެވެ. އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައިކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.