ގެސްޓްހައުސްތައް ހިންގަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް "މިސްޓްރީ ގެސްޓުން" ތަޢާރަފްކުރަނީ

ގެސްޓްހައުސްތައް ހިންގަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް "މިސްޓްރީ ގެސްޓުން" ތަޢާރަފްކުރަނީ

Author
މުޙައްމަދު ޖިމީ
08 ނޮވެމްބަރ 2020 07:32
0

ކޯވިޑް 19 އާގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން ޢަމަލުކުރަމުންދޭތޯ ބެލުމަށް 'މިސްޓްރީ ގެސްޓުން' ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

އެގޮތުން "މިސްޓްރީ ގެސްޓުން" ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެޓޫރިސްޓް ފެސިލިޓީއެއްގައި ޤާއިމްކޮށްފައިވާ ސްޑޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓްކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ ޓޫރިސްޓުން އަމިއްލައަށެވެ.

"މިސްޓްރީ ގެސްޓުން" ގެ ޕްރޮގްރާމުގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރަމުންވެސް ގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއީ، ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށްވެސް ޓުރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިސްޓް ގެސްޓްހައުސްތަކުން އުސޫލްތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމުގެ މަސައްކަތްފަށާއއިރު، އެޗްޕީއޭއިން ވަނީ ގެސްޓްހައުސް ހިންގާ ރަށްރަށުން ރެންޑަމް ސާމްޕަލް ނެގުމަށްވެސް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.