ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވުނުކަން ގަބޫލު ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނު ކުދި އަދި މެފަންތީގެ ވިޔާރީގެ ބިލަށް ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލުން އަރައި ގަތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށެވެ. ޚާއްސަކޮށް، ލޭބަރުންގެ ލިބުމުގެ ދަތިކަމާއި، ތިބި ލޭބަރުން އޮޅުވާލައި މަކަރު ހެދުމާއި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ލޯނު ލިބުމުގައި ހުރި ދަތިތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ގްރޭސް ޕީރިއަޑު އިތުރުކޮށް، ލޯނުތަކުގެ އިންޓަރެސްޓުވެސް ކުޑަވާންޖެހޭކަަށެވެ. އަދި ހައްލުނުވި ބިދޭންސީގެ މައްސަލައަކީ އެތައް ޤާނޫނެއް ހަދައިގެންވެސް މިހާތަނަށް ހައްލު ނުކުރެނުވު ކަމެއްކަމަށް މިއަދު ގަބޫލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ވަރަށް ފޮނި އުންމީދުގައި ބޭރު މީހުން ގެނައުމުގެ ކަންތައްތަކަށް ގިނަ ގުނަ އިސްލާހުތަކެއް ގެނެސްފިން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިއަދު އެކަމުގެ ސަބަބުން އަޅުގަނޑުމެން ބޭނުންވި ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުލިބުނު. ކުދި އަދި މުފަންތީގެ ވިޔަފާރިތަކަށް ކޯވިޑްގެ ހާލަތަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ފެށިގެން މިދާ ހާލަތުގައި އެއްބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ އެއްކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެބޭފުޅުންނަށް ލޭބަރުން ނުވަތަ މަސައްކަތް ކުރާނެ މީހުން ނުލިބުން. އަޅުގަނޑުމެންގެ ޓާގެޓަކަށްވީ ބޭރުމީހުން ވަގަށް ފިލައިގެން އުޅޭ، އެބޭފުޅުން އެވިދާޅުވާ އޯޕަން ވިސާގައި މިގައުމުގައި އުޅޭ މީހުން ބޭރުކުރުން. އެހެން ނަމަވެސް އެކަމެއް ނުވި. މިހަގީގަތް ގަބޫލު ކުރަންޖެހޭ. އެކަމެއްނުވި.
– ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ކޮނަސްޓްރެކްޝަން ދާއިރާގައި މަސައްކަތް ކުރާ ބޮޑު މެޖޯރިޓީ އަކީ ބިދޭސީންކަމަށެވެ. ނަމަވެސް މިއަދު އޮތް އެންމެ ބޮޑު ދައްޗަކީ ބޭރުމީހުން ގެނައުމަށް އޮތް ދަތިކަމާއި، ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ފޮނުވާ ނުލެވޭ މައްސަލަކަމަށެވެ.
ކޯވިޑަށްފަހު މިއަދު ވިޔަފާރިތައް ކޮޅަށް ޖެހުމަށް މަސައްކަތް ކުރާއިރު، ފިހާރައިގައި އިންނަ ސޭޓުގެ މުސާރަ ބޮޑުވާ ވަރަކަށް ތަކެތީގެ އަގަށްވެސް ބަދަލު އަންނަމުންދާކަމަށާއި، މިއީ ވިސްނަންޖެހޭ ކަންތައްތަކެއްކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވަނީ މިކަންކަމާއި ސަރުކާރުން ވަރަށް ބޮޑަށް ވިސްނައި އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަޖެހޭކަމަށް ވިދާޅުވެފައެވެ.