ގިނަ ރައްޔިތުންގެ ތާޢީދު އޮތްކަމަށް ބެލޭނީ އެންމެ ކުޑަމިނުން %50ގެ ތާޢީދު ލިބިގެންކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެމްޑީޕިއަށް ފާޑުވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، އެމްޑީޕީގެ ވެރިކަން އަބަދުމެއޮތުމަށް 30 ޕަސެންޓުން އިންތިހާބުވާ ގޮތް ބޭނުންތެރިކަމަށް ވިދާޅުވެ ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށައެޅުމާއި ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ، އެއްކޮޅުން ގިނަ ރައްޔިތުން ބޭނުންވަނީ ތާއަބަދު އެމްޑީޕީ ވެރިކަމުގަ އޮންނަންކަމަށް ވިދާޅުވާއިރު، ދެން ވިދާޅުވަނީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ އަދަދު %30 އަށް ދަށްކުރަންޖެހޭކަމަށްކަމަށެވެ. ގިނަ ރައްޔިތުންގެ ތާއީދު އޮތްކަމަށް ބެލޭނީ އެންމެ ކުޑަމިނުން %50 ގެ ތާއީދު ލިބިގެންކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ރޭ އެމްޑީޕީ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ %30 ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ފަހު، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ މުހިއްމުކަމެއްކަމަށެވެ.
އެ ބަދަލު ގެނައުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދުމެ އޮތުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެން އަންނަ ފަސް އަހަރަށް ވެސް، އޭގެ ފަހުން އަންނަ ފަސް އަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް، ރައްޔިތުން ހަރު އަޑުން ގޮވަމުންދާ ގޮވުން ކަނުލާ އަހަން ޖެހެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި, އެމްޑީޕީން ވަކާލާތު ކުރަނީ ވެރިކަމުގެ ހުރިހާ ކަމެއް ރައްޔިތުންގެ ކުރިމަތީގައި ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. އެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ