މިއަހަރުގެ މިހާތަނަށް ބައިނަލްއަޤްވާމީ އެކި އިދާރާތަކުން 17 ފަހަރެއްގެ މަތިން ސަރުކާރުން ލޯނު ނަގާފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކުރި ދަރަނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުތައް ހިމެނޭހެން 10 ފަހަރެއްގެ މަތިން 17 ލޯނެއް ސަރުކާރުން ނަގާފައިވެއެވެ.
ލޯނު ނަގާފައިވާ އިދާރާތައް:
އޯޕެކް ފަންޑު ފޮރ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް (އޯޕެކް)
އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން
އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ)
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް
އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)
ސައުދީ ފަންޑް ފޯ ޑިވްލޮޕްމަންޓް
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއިއައިބީ)
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވްލޮޕްމަންޓް (އޮފިޑް)
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)
ދަ އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ
ސަރުކާރުން އެންމެ ގިނަ ލޯން ނަގާފައިވަނީ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަނުންނެވެ. އެގޮތުން އެފަރާތުން 3 ފަހަރެއްގެ މަތިން ލޯން ނަގާފައިވެއެވެ.
ސަރުކާރުން ގިނަ ލޯނުތަކެއް ނަގާފައިވާކަން ހާމަވެފައިވާއރު، ކުރީ ސަރުކާރުގައި ނަގާފައިވާ ލޯނުތަކުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެފައިވާކަމަށް މިސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ލޯނެއް ރާއްޖެއަށް ދީފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން މާލެ ގުޅީފަޅު ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢުއަށެވެ. އެގޮތުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.
ސަރުކާރުން ބުނަމުން އަންނަނީ މިސަރުކާރުން ލޯނު ނަގަނީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓަކަކަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ