ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މަޖިލީހަށް އިއްވި ރިޔާސީ ބަޔަނާކީ ޚިޔާލީ ހުވަފެނެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބޮއިކޮޓްކޮށްފައެވެ. މިޖަލްސާގައި ރައީސް ޞާލިހު ވަނީ، މިއަހަރަށް ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތާއި، ތަރައްޤީގެ ވިސްނުން ހިއްސާ ކުރައްވާފައެވެ.
މިބަޔާނާއި ގުޅިގެން އަދުރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ދެއްކެވި ވާހަތަކަކީ މުޅިންވެސް ޚިޔާލީ ކަންކަމަށް ބިނާކޮށް ހުށަހަޅެއްވި ބަޔާނެއްކަމަށެވެ. ޤައުމުގެ އަސްލު ހާލަތު ރައްޔިތުންނަށް އޮޅުވާލައި، ސަރުކާރުގެ އަމަލުތަކާއި ވާހަކަތަކުން ފެނިގެންދަނީ، ގޮތްހުސްވެ، މާޔޫސްވެފައިވާ މިންވަރުކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ޚިޔާލީ ހުވަފެނެއް. މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިޚާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް. ގައުމުގެ އަސްލު ޙާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި. މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެކި ދާއިރާތަކުން ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގްލާލީ ބުރުލެއް އަދި ގުޑުމެއް އައުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ގައުމިއްޔަތު ބިނާވެރިވި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދު އޮންނާނެކަމަށާއި ސަރުކާރުން އެކަމަށް އަބަދުވެސް ފާރަވެރިވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ.