ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާގައި ދެވަނަ ޓާމުގެ ކިޔެވުން މިދިޔަ ބުދަ ދުވަހު ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ސޯސަންވިލާގައި ފެށިގެން ކުރިޔަށް ދާއިރު، ސްރީލަންކާގައި އޮތް ކޮވިޑްގެ ޙާލަތަށް ބަލައި ބަޔެއް ކްލާސްތައް ދަރިވަރުން ސޯސަންވިލާއަށް ގޮސް ކިޔަވާއިރު، އަނެއްބައި ކްލާސްތަކުގެ ކިޔެވުން އަދި ދަނީ އޮންލައިންކޮށެވެ.
ރާއްޖޭގެ ތައުލީމީ މުޤައްރަރާ އެއްގޮތްވާ ގޮތުގެ މަތިން ސޯސަންވިލާއަކީ ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދެމުން އަންނަ ތަނެކެވެ.
ދިވެހިބަހާއި، އިސްލާމީ އަޤީދާ ވަރުގަދަ ކުރުމާއި، ޤުރުއާންގެ ޢިލްމު ފެތުރުމުގެ އިތުރުން ދިވެހިންގެ އާދަކާދައާއި ސަގާފަތް ގައުމުން ބޭރުގައި އުޅޭ ދިވެހިންގެ މެދުގައި އަށަގެންނެވުމާއި، ލަންކާގައި އުޅޭ، އަދި ލަންކާއަށް ޒިޔާރަތްކުރާ ޒުވާނުންނާއި އެކި އުމުރުގެ ދިވެހިންގެ މައި މަރުކަޒުގެ ގޮތުގައި ސޯސަންވިލާ ސަރުކާރުން ހިންގާތާ މިހާރު މިވަނީ 8 އަހަރު ވެފައެވެ.