ޓާޓާ ޕްރޮޖެކްޓަކީ މިގައުމުގަ މިހާތަނަށް ހިންގި ދައުލަތަށް މާލީގޮތުން އެންމެ ގެއްލުން ބޮޑު އެއް ޕްރޮޖެކްޓްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ނިންމައި މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ، މިއީ 2010ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓާޓާކުންފުނިން މާލޭގަ އެޅި 350ފްލެޓްގެ ބަދަލުގައި އިތުރު އަގަކާނުލާ އެކުންފުންޏަށް ދިނުމަށް އޭރުވެސް އެއްބަސްވެފައިވާ ތަންތަންކަމަށެވެ. އަދި ޓާޓާ ޕްރޮޖެކްޓަކީ މިގައުމުގަ މިހާތަނަށް ހިންގި ދައުލަތަށް މާލީގޮތުން އެންމެ ގެއްލުން ބޮޑު އެއްޕްރޮޖެކްޓްކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށް ގަބޫލުކުރެވޭތީ، އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.
ޓާޓާއަށް މިހާ ބޮޑު ބަދަލެއް ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ