ވެކްސިން ނުޖަހާ މީހުންނަށް ޖެނުއަރީ 10އިން ފެށިގެން ޔޫއޭއީން ބޭރަށް ދަތުރެއް ނުކުރެވޭނެ

ވެކްސިން ނުޖަހާ މީހުންނަށް ޖެނުއަރީ 10އިން ފެށިގެން ޔޫއޭއީން ބޭރަށް ދަތުރެއް ނުކުރެވޭނެ

Author
ހުސެއިން
02 ޖެނުއަރީ 2022 06:05
0

ވެކްސިން ނުޖަހާ ފަރާތްތަކަށް، މި ހިނގާ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޔޫއޭއީން ބޭރަށް ދަތުރުކުރުން އެގައުމުގެ ސަރުކާރުން މަނާ ކޮށްފައިވާ ކަމަށް، ޔޫއޭއީގެ ގައުމީ ނޫސް އޭޖެންސީ WAM އިން، އެގައުމުގެ ފޮރިންގ މިނިސްޓްރީއާއި އަދި ނޭޝަނަލް ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލާދީ ރިޕޯޓު ކޮށްފިއެވެ.

ޔޫއެއީގެ ރަސްމީ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެ ޑޯޒްގެ ވެކްސިން ފުރުހަމަ ކޮށްފައިވާ ފަރާތްތައް، ދަތުރު ކުރުމަށްޓަކާ ބޫސްޓަރ ޑޯޒްވެސް ޖެހުން އެގައުމުގެ ސަރުކާރުންވަނީ މަޖުބޫރު ކޮށްފައެވެ.

އެހެންނަމަވެސް، މި ޝަރުތުތައް، ސިއްޙީ ހާލަތެއް މެދުވެރިވެފައިވާ ނުވަތަ އިންސާނީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ނުހިނގާ ގޮތަށް ވަނީ ހަމަ ޖައްސާފައެވެ.

ޔޫއޭއީގައިވެސް ފަހަކަށް އައިސް ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް ވަނީ އާދަޔާ ޚިލާފަށް އިތުރުވާން ފަށާފައެވެ. މިގޮތުން ފާއިތުވި ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުން ފެށިގެން އެގައުމުގައި ކޮންމެ ދުވަހަކުވެސް ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވާން ފަށާފައިވާއިރު، މިއަހަރުގެ ފުރަތަމަ ދުވަހު އެކަނިވެސް ޔޫއޭއީގައި 2،556 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އަދި ޑިސެމްބަރ 19 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހާ ހަމައަށް ވަނީ 20907 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ކޯވިޑް ކާރިސާ ފެށުނު ފަހުން ޔޫއޭއީގައި 764،000 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެގައުމުގައި މި ބަލީގައި 2,165 މީހުންވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.