އަހަރެއް ފާއިތުވެގެން ދިއުމަކީ އަބަދުވެސް ތަފާތު އިހުސާސްތަކެއް އެކުލެވޭ، އެހެންނަމަވެސް ދުނިޔޭގެ ތަބަޢީ އުސޫލެވެ. އަދި ފާއިތުވެދާ އަހަރުތަކާއެކީ، ފަހަތަށް ދޫވެދާ ހަނދާންތަކަކީ، ބައެއް ފަހަރަށް ކުރިމަގަށްކުރާ އުއްމީދުތަކަށް ލިބައްދޭ ހިތްވަރަކަށް ވެގެންދިޔަ ނަމަވެސް، ބައެއް ހާލަތްތަކުގައި އެކަންކަމުގެ މަތިން ހަދާން ކުރަން އެހާމެ ފަސޭހަނޫން، ހިތި ތަޖުރިބާތަކަކަށްވެސް، ފާއިތުދާ އަހަރާއެކީ ކުރެވުނު ތަޖުރިބާތައް ވެދޭވެސްމެއެވެ.
މިގޮތުން 2021 ވަނަ އަހަރަށް ދުނިޔެ އަލްވަދާއުކިޔާ، މުޅިން އާއަހަރަކާ ދުނިޔެ ކުރިމަތި ލީއިރުއިރު، އަދިވެސް ދުނިޔެ މިވަނީ 2019ވަނަ އަހަރު ފެތުރެންފެށި ސިއްޙީ އާމަލީ ވަބާއެއްގެ ކަޅު ވިލާގަޑެއްގެ ދަށުގައެވެ. މުޅި ދުނިޔެވެސް ހަގުރާމަ ކުރަމުން މިދަނީ، ކޯވިޑް19 ސިއްޙީ ކާރިސާއިން އަރައިގަނެވޭނެ މަގެއް ފެނޭތޯއެވެ. ކޯވިޑް19ގެ އާލަމީ ވަބާގައި ދުނިޔެއިން 286 މިލިއަން މީހުން މިބައްޔަށް ޕޮޒިޓިވްވެ، 5 މިލިއަން މީހުން މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.
އަދި ހަމަ އެފަދައިން 2021 ވަނަ އަހަރު ނިމިގެން ދިޔައިރު، ކޯވިޑް19އާއި ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަގުރާމާ ކާމިޔާބު ވެގެން ގޮސްފައި ނުވާއިރު، 2021ވަނަ އަހަރުވެސް ވެގެން ގޮސްފައިވަނީ އޭގެ ކުރީ އަހަރެކޭ އެއްފަދައިން، ދުނިޔެއަށް އިގްތިސާދީ ގޮތުން ދަތި، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިމުންއަން ތަފާތު ހަމަނުޖެހުންތަކަށްވެސް ލުޔެއް ލިބިގެން ގޮސްފައިނުވާ އަހަރެއްގެ ގޮތުގައެވެ.

އުއްމީދީ އަހަރެއްގެ ގޮތުގައި ފެށިގެން ދިޔަ ނަމަވެސް، ދަތި އަހަރެއް!
2019ވަނަ އަހަރު މުޅި ދުނިޔެއަށް އާންމުވެގެންދިޔަ ކޯވިޑްގެ އާލަމީ ވަބާގައި 2020ވަނަ އަހަރު ވެގެންދިޔައީ، ފާއިތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ދުނިޔެ ދެކުނު އެންމެ ގެއްލުން ބޮޑު އަހަރުގެ ގޮތުގައެވެ.
މިގޮތުން 0202ވަނަ އަހަރު، ދުނިޔޭގެ އިގްތިސާދު ފުނޑި، އަދި އިންސާނުންގެ ދިރިއުޅުމަށް ގުނާ އަދަދު ނުކުރެވޭހާ ބޮޑެތި ގެއްލުންތައް ކުރިމަތިވެގެން ދިޔަނަމަވެސް، 2021ވަނަ އަހަރަށް ދުނިޔެވަނީ ގިނަގުނަ އުއްމީދުތަކެއް ކޮށްފައެވެ. ސަބަބަކީ، 2020ވަނަ އަހަރު ކޯވިޑާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރު ކުރަންފެށިގެން ވެކްސިންތައް 2021 ފެށުމާއި އެކު ދޭންފެށި، ދުނިޔޭގެ ގިނަ ގައުމުތަކުން ތައްޔާރު ކުރަމުންއައި ވެކްސިންތަކާއެކު، މިބަލިން ދުނިޔެއަށް އަރައިގަނެވޭނެ ކަމުގެ އުއްމީދު މުޅި ދުނިޔެ ކުރަމުން ގޮސްފައި ވާތީއެވެ.
މިގޮތުން، 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ކޯވިޑް ވެކްސިން ދޭން ފެށި، 2021ވަނަ ފެށުނުތަނާ ކަހަލަ ގޮތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެކްސިން ދޭން ފަށާފައި ވެއެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އާބާދީގެ ބޮޑު ބަޔަކަށް ބާރު މިނުގައި ވެކްސިން ދޭން ފެށިގެން ދިއުމާއެކު، ގިނަ ބަޔަކަށް 2021 ވަނަ އަހަރު އުއްމީީދީ އަހަރެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ މެދަކާ ހަމައަށް ދިޔައިރު، ކޯވިޑްގެ ނުރައްކާތެރި އަ ވޭރިއެންޓްތައް ވުޖޫދުވެ، ދުނިޔެ ކުރިމަތި ލާންފެށީ، ކޯވިޑް19ގެ މުޅިން އާ މަރުހަލާއަކާއެވެ.
ކޯވިޑް19ގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ދުނިޔޭގައި ފެތުރެންފެށި، ދުނިޔޭގެ ގައުމުތަކަށް، މިބަލީގެ އެންމެ ނުރައްކާތެރި ރާޅާއި ކުރިމަތި ލާންޖެހިފައިވަނީ ފާއިތުވެދިޔަ އަހަރުގެ އެޕްރިމް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ކޯވިޑްގެ މި ނުރައްކާތެރި ރާޅުގައި ދުނިޔޭގެ ގައުމުތަކަށް އޭގެ ދެމަހެއްހާ ދުވަސްފަހުން އަރައިގަނެވުމަށްފަހު، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކަށް ލުއިދީ، ދުނިޔެއަށް ހިންދެމިލެވުނީ 3 މަހެއްހާ ދުވަހުއެވެ.

ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހު، ދެކުނު އެފްރިކާއިން އާންމުވި ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓްގެ ހިޔަނި މިއަދު އަނެއްކާވެސް މިވަނީ ކޯވިޑާއި ދެކޮޅަށް އަޅާފައިވާ އެތަކެއް ފިޔަވަޅުތަކަށް އެޅިފައެވެ. 2021 ނިމިގެންދިޔައިރު، ދުނިޔޭގެ ގައުމުތަކަށް އަނެއްކާވެސް މިވަނީ ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިއާދަކުރަން މަޖުބޫރު ވެފައެވެ.
ރާއްޖެއަށްވެސް ދަތި އަހަރެއް! ކުރިޔަށް އޮތީ އުއްމީދީ އަހަރެއް!
ކޯވިޑް19އާއި ދެކޮޅަށް ކުރަމުން އަންނަ ހަގުރާމާގައި، 2020ވަނަ އަހަރު ވެގެން ދިޔައީ ރާއްޖެއަށް ތަފާތު ތަޖުރިބާތަކެއް ކުރުވި އަހަރަކަށެވެ. ސަބަބަކީ، 2020 ވަނަ އަހަރު، ކޯވިޑުން އަރައިގަތުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލެވި، އަދި ރާއްޖޭގެ ބޯޑަރުތައް ހުޅިވި، އިގްތިސާދު އިއާދަވާން ފަށާފައި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިގޮތުން ކޯވިޑާއި ދެކޮޅަށް ކުރަމުން އަންނަ ހަގުރާމާގައި ފާއިތުވެދިޔަ އަހަރު ރާއްޖެއިން އެކަށީގެންވާ ކާމިޔާބީއެއް ހޯދާ، އަދި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންދީ، އިގްތިސާދީ ގޮތުންވެސް ކުރިއެރުންތައް ހޯދަމުން އައިނަމަވެސް، ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓުން އައި ރާޅުގައި، ފާއިތުވެދިޔަ އަހަރު ވެގެންދިޔައީ މިބަލީގައި ރާއްޖެއިންވެސް ގިނަބަޔަކު ނިޔާވި، ހިތްދަތި އަހަރަކަށެވެ.

މިގޮތުން ކުރިމަތިވި ރާޅުގައި ކޯވިޑް19ގައި ރާއްޖެއިން އެއްދުވަހަކަށް 13 މީހަކު ދުނިޔެ ދޫކޮށްފައިވާ ކަން މިފުރުސަތުގައ ފާހަގަ ކޮށްލަންޖެހެއެވެ.
އެހެންނަމަވެސް، ކޯވިޑާއި ދެކޮޅަށް ރާއްޖެއިންވެސް ކުރަމުންދާ ހަގުރާމަ، ދޫ ދިނުމެއްނެތި، ވަރުބަލި ކަމެއްނެތި، ދަނީ ކުރިއަށެވެ. ދުނިޔޭގެ ބޯޑަރުތައް ބަންދު ކުރަމުން ދިޔަނަމަވެސް ރާއްޖޭގެ ބޯޑަރުތައް އަދިވެސް ހުރީ ހުޅުވާފައެވެ. 2022 ފެންނަަމުންދަނީ އުއްމީދީ އަހަރެއްގެ ގޮތުގައެވެ.