ސަރުކާރުގެ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކާއިއެކުވެސް ވަނީ ތަރައްޤީގެ އެހެން މަރުހަލާއަކަށް ރާއްޖެ ގެންދެވިފައި ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
23 ރަށުގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއެކުވެސް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 15.4 ބިލިއަން ރުފިޔާ ޚަރަދުކުރެވުނުކަމަށެވެ. މިއީ ދުނިޔޭގެ އިގުތިސާދު އެންމެ ރަނގަޅު އެއް ދުވަސްވަރު ކަމުގައިވާ 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޕީއެސްއައިޕީ އަށް ޚަރަދުކޮށްފައިވާ 12.1 ބިލިއަން ރުފިޔާއަށްވުރެވެސް ބޮޑު އަދަދެއްކަމަށް އަމީރު ވިދާޅުވިއެވެ.
58 ފެނާއި ނަރުދަމާ، 64 ބަނދަރު، 16 ރަށެއްގެ މަގު، 14 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން، އަދި 62 އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ މަސައްކަތް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ވާނީ ފަށައި، ބައެއް މަޝްރޫއުތައް މުޅިން ނިންމާލާފަ. މީގެ އިތުރުން، 82 ފެނާއި ނަރުދަމާ، 36 ބަނދަރު، 25 ރަށެއްގެ މަގު، 46 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުން އަދި 114 އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހުރީ ޓެންޑަރ އަދި ޕްރީޓެންޑަރިންގެ އެކި މަރުހަލާތަކުގައި.
– އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރު ހިންގުމާ ހަވާލުވިއިރު ރާއްޖޭގެ 30 އިންސައްތަ ރަށުގައިވެސް ފެނާއި ނަރުދަމާ ގާއިމުކުރެވިފައެއް ނެތްކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާ ނަރުދަމާގެ ހިދުމަތް ލިބި، އަސާސީ މި ހައްގު އޮންނާނީ ކަށަވަރުވެފައިކަމަށެވެ.
ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު، ގްރޭޓަރ މާލޭ އޭރިއާގައި ގާއިމުކުރާ 4،000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް ކަމަށާއި، އަދި އަތޮޅުތެރޭގައި ގާއިމުކުރަން ރާވާފައިހުރި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތަށް ކުރިއަށްއޮތް 3 އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ވާނީ ބަޖެޓުކޮށްފައިކަމަށެވެ. ސިއްހީ ދާއިރާގެ 39 މަޝްރޫޢުގެ މަސައްކަތް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންގޮސްފައިވާއިރު، ތައުލީމީ ދާއިރާއާ ގުޅުންހުރި 67 މަޝްރޫއެއް މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަދި ސިއްހީ ދާއިރާގެ އިތުރު 32 މަޝްރޫއަކާއި ތައުލީމީ ދާއިރާގެ 106 މަޝްރޫއެއް ހުރީ ޓެންޑަރގެ މަރުހަލާތަކުގައި ވާކަމަށާއި، މިއީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލިއްޔާއަށް ދިމާވި ހީނަރުކަމާ، މުޅި ދުނިޔޭގައިވެސް ސަޕްލައި ޗެއިން އަށް ދިމާވި ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެން ވީ ވައުދުތައް ފުއްދަން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ދުނިޔޭގެ ދަތުރުފަތުރަށާއި ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުވަމުންދިއުމާއެކު އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރެވޭނެކަމަށެވެ.
ޕީއެސްއައިޕީ ގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގުތިސާދަކީ ވިޔަފާރިތަކަށް ފަހި މާހައުލަކަށް ހެދުމަށް ގިނަ ކަންކަން ވަނީ ކުރެވިފައިކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފުދުންތެރިކަމާއި ހަމަހަމަކަން ކުރިއަރުވަން މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.
ހާލަތުގެ ގޮތުން ދަރަނި ނަގައިގެން ބައެއް ކަންކަން ކުރިނަމަވެސް، ފިސްކަލް އަދި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑުގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން މިދަނީ އަޅަމުން. ދައުލަތުން ބައިނަލްއަގުވާމީ މާކެޓުން ދަރަނި ނެގުމުގައި ހުރި ފުރުސަތުތަކަށާއި، ފާއިތުވި 3 އަހަރު ދަރަނި ނަގަން ކުރި މަސައްކަތްތަކުގެ ކާމިޔާބަށް ބަލައި، ދިވެހި ދައުލަތުގެ މާލީ ސިޔާސަތު ރަނގަޅު މިސްރާބުގައި ހުރިކަމާ ދޭތެރޭ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އޮތްކަން ވަނީ އެނގި ހާމަވެފަ. މިކަމަށް އެންމެ ބޮޑަށް ބާރުދެނީ މީގެ 2 މަސްދުވަސް ކުރިން ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ އަށް ގެނައި އަޕްގްރޭޑް.
– އަމީރު ވިދާޅުވިއެވެ.
3 އަހަރު ދުވަހުގެ ތެރޭގައި، މި ބޮޑު ދަތިކަމާއެކީވެސް މިހާބޮޑު ކާމިޔާބެއް ހާސިލު ކުރެވިފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސީދާ އިރުޝާދުގެ ދަށުން ކުރި މަސައްކަތުންކަމަށް އަމީރު ވިދާޅުވިއެވެ.