ރާއްޖޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ގެތަށް ރަނުން އަޅައިދިން ކަމުގައިވީނަމަވެސް އިންޑިއާ މީހުން ބޭނުންވާ އަޅުވެތިކަމަށް ދިވެހި ރައްޔިތުން ރުހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައި ސަލަފް ޖަމްއިއްޔާގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިފަދައިން ވިދާޅުވީ، އިންޑިއާގެ އެހީގައި ރާއްޖޭ ހިންގަމުން އަންނަ އަދި ހިންގުމަށް ތައްޔާރުވަމުން އަންނަ މަޝްރޫއުތަކުގެ އަގު 1.7 ބިލިއަން ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެ ދެއްކެވި ވާހަތަކައި ގުޅިގެންނެވެ.
އިންޑިއާއިން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގާކަމަށް ސަފީރު ވިދާޅުވި ނަމަވެސް ރާއްޖޭގައި އެއިންކަމެއް ހިނގާތަނެއް ނުފެންނަކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ސަފީރުގެ ވާހަތަކާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަޅުވެތި ކުރުމަށްޓަކައި އިންޑިއާއި ރައްޔިތުންގެ ގެތަށް ރަނުން އަޅައިދިން ކަމުގައި ވީނަމަވެސް ރައްޔިތުން ރުހޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.
ކަލޭމެން އަހަރުމެންގެ ގެތަށް ރަނުން އަޅައިދިނަސް، ކަލޭމެންގެ އަޅުވެތި ކަމަށް ރުހޭނެ އެއްވެސް ގޮތެއް ނެތް. ސާފުވެއްޖެތޯ.
– އަލީ ރަމީޒު އިންޑިއާ ސަފީރަށް އަމާޒުކޮށް ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު، މިކަމާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ދަނީ ކުރެވެމުންނެވެ. މިކެމްޕެއިންގެ ސަމާލުކަން ބައިނަލް އަގުވާމީ މަޝްރަހަށް ދިޔަ ހިސާބުން މިހަރަކާތް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް ބައިވެރިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުން ނޫންގޮތެއް ނެތްކަމަށެވެ. އަދި ހަރަކާތް ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ