ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ތިންވަނަ ސައިކަލްގައި، ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.
މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރެވޭނެއެވެ. ދިވެހި ރާއްޖެއިން މިއަދުގެ ސެޝަންއަށް މިއަހަރުގެ ފެބުރުއަރީ 3 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައި ނުގަންނާނެކަމަށެވެ.
ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ދިވެހިރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫ.ޕީ.އާރުގެ ވަރކިންގ ގްރޫޕަށް އެންގުމަށް ދިވެހިރާއްޖެއަށް އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފުރުޞަތު ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއަދުގެ ސެޝަންއަށް ފަހު، މިމަހުގެ 6 ވަނަ ދުވަހު ބާއްވާ ވަރކިންގ ގްރޫޕްގެ ސެޝަންގައި، ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްއިން ދިވެހިރާއްޖެއާގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓްކުރެވިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ