ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

Author
ހުސައިން
04 ނޮވެމްބަރ 2020 12:13
0

ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް އެ އަރލައިނުން ނިންމައިފިއެވެ.

ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފް އެއަރއިން ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދުއެވެ.

ރާއްޖެއަކީ މުޙިއްމު މަންޒިލެއްގެ ގޮތުގައި އެ އެއަރލައިނުން ސިފަކޮށްފައިވާއިރު ރާއްޖެއަކީ އެ އެއަރލައިނުން އުދުހުންތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލް ކަމަށްވެސް ގަލްފް އެއަރއިން ވަނީ ބުނެފައެވެ.

ގަލްފް އެއަރއިން މިހާރުވެސް ދަނީ މެދު އިރުމަތީގެ ގިނަ ޤައުމުތަކަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށްވެސް މިހާރު ދަތުރުތައް ފަށާފައިވާއިރު، އިންޑިއާ އަދި ޕާކިސްތާންގެ ބައެއް ސިޓީތަކަށް ގަލްފް އެއަރގެ ދަތުރުތައް ވަނީ އަލުން ފަށާފައެވެ.

ގަލްފް އެއަރ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް އެ އެއަރލައިނުން އައީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ.

މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރ ހުޅުވާލުމުން ބައިނަލްއަޤްވާމީ އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްކޮޅެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބައެއް ޤައުމުތަކުން ދަތުރުކުރުމުގައި ދަތިތަކެއް ހުރިނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އަލުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 41000 ފަތުރުވެރިން ވަނީ ރާޢްޖެ އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.