ބުރުނީ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ބުރުނީ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2021 11:11
0

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި ކޮނުމުގެ މަސައްކަތް ފަށައިއެވެ.

ބުރުންޏަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް، އެރަށުގެ ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރަނީ ގިރާފައިވާ ސަރަޙައްދަށް އަލުން ވެލިއަޅާ އިއާދަކުރުމަށްފަހުގައެވެ.

ރަށް ގިރާފައިވާ ސަރަޙައްދަށް ވެލިއެޅުމުގެ އިތުރަށް، 369 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 220 މީޓަރުގެ ރިވެޓްމަންޓެއް ޖަހާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުން ނިންމާގޮތަށް، 28.8 މިލިއަން ރުފިޔާއަށެވެ.

ބިމުގެގޮތުން ބޮޑު ނަމަވެސް ތ.ބުރުނީގެ އާބާދީއަކީ 600 މީހުންނެވެ. 35 ހެކްޓަރުގެ ބުރުނީއަށް ރަށްގިރުމުގެ މައްސަލަ، ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ގާތުން ރަށުގެ ފަސްގަނޑު ގިރަމުންދާތީއެވެ.

ރީތި ބޮޑު ދޮންވެލިގަނޑެއް އޮތް ބުރުނީގެ ގޮނޑުދޮށް ގިރާ، އެ ސަރަޙައްދުތަކުން ގިނަ ރުއްތަކާއި ގަސްތައްވެސް ވަނީ ވެއްޓި ނެތިގެންގޮސްފައެވެ. ރަށްގިރުމުގެ މައްސަލަ ބޮޑު ސަރަޙައްދަކީ، ރަށުގައި މީހުން ދިރިއުޅޭ ގެތަކާއިވެސް ގާތް ސަރަޙައްދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.