އެމެރިކާގެ ރައީސް ޖޯ ބައިޑްން ބޮޑު ގޮހޮރުގެ ސްކޭނަކަށް ކުޑަ ވަގުތުކޮޅަކަށް ހޭނައްތަން ޖެހުމާއި ގުޅިގެން، މިހަފްތާގެ ހުކުރު ދުވަހު ކުޑަ ވަގުތުކޮޅަކަށް ރައީސްކަމުގެ ބާރުތައް، ނާއިބުރައީސާ ކާމިލާ ހަރިސްއާއި ހަވާލު ކުރެއްވުމާއި ގުޅިގެން، އެމެރިޚާގެ ތާރީޚުގައި ވެރިކަމުގެ ބާރުތަކާއި ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅަކަށް އެމެރިކާގެ އެކަމަނާ ވެވަޑައިގެންފިއެވެ.
ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ބައިޑްންވަނީ ހުކުރު ދުވަހުގެ ގަޑިން 10:10ގައި ވެރިކަމުގެ ބާރުތައް ނާއިބު ރައީސާއާއި ހަވާލު ކުރައްވާކަން އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ލީޑަރުންނަށް އަންގަވާފައެވެ. އަދި ގަޑިން 11:35ގައި އަބުރާ ބާރުތައް ނަންގަވާފައި ވާކަމަށް ވައިޓް ހައުސްއިން ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ މި މެޑިކަލް ޓެސްޓު ތަކަކީ، އާންމު އުސޫލުގެމަތިން، ވޮޝިންގޓަންގެ ރަށް ބޭރުގައި ހުންނަ ވާލްޓަރ ރީޑް މިލިޓަރީ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ ޓެސްޓު ތަކެކެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވެފައިވާ ގޮތުގައި، ސްކޭނަށްފަހު، ބައިޑްންވަނީ ނާއިބު ރައީސާ ހަރިސްއާއި، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރޮން ކްލެއިންއާއި ގުޅުއްވާ ވާހަކަ ދައްކަވާފައެވެ. އަދި ބައިޑްން ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ބައިޑްން ވެރިކަމުގެ ބާރުތައް ހަރިސްއައި ހަވާލު ކުރެއްވީ ބޮޑު ގޮހޮރުގެ ސްކޭނަށް އޭނާ ހޭ ނައްތާފައި އޮންނެވި ވަގުތުކޮޅަށް އެކަންޏެވެ. ވައިޓް ހައުސްގެ ތަރުޖަމާ ސާކީ ވިދާޅުވި ގޮތުގައި އެ ވަގުތު ކޮޅުގައި ނާއިބު ރައީސާ ހަރިސް މަސައްކަތް ކުރައްވާފައިވަނީ، ވައިޓް ހައުސްގެ ވެސްޓް ވިންގގައި ހުންނަ އެކަމަނާގެ އޮފީހުގައި އިންނަވައިގެންނެވެ.
ހަރިސްއަކީ އެމެރިކާގެ ތާރީޚުގައި އެގައުމުގެ ނާއިބް ރައީސާކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. އެމެރިކާގެ 250 އަހަރުވީ ތާރީޚުގައި މިހާތަނަށް އަންހެން ބޭފުޅަކު ރައީސްކަން ކުރައްވާފައެއް ނުވެއެވެ.
އެމެރިކާގެ ގާނޫނު އަސާސީއަށް ގެނެވިފައިވާ 25ވަނަ އިސްލާހުގައި، ރައީސަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ ހާލަތުގައި ވެރިކަމުގެ ބާރުތައް ނާއިބު ރައީސްއާއި ހަވާލުކުރަން ޖެހޭގޮތް ބަޔާން ކޮށްފައި ވެއެވެ.
މީގެ ކުރިން، 2002 ވަނަ އަހަރުގަ އާއި، 2007 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ހަމަ މިބާވަތުގެ ސްކޭނަކަށް ހޭނައްތަން ޖެހުމާއި ގުޅިގެން ވެރިކަމުގެ ބާރުތައް ނާއިބު ރައީސްއާއި ހަވާލު ކުރައްވާފައި ވެއެވެ.