ހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް ސީޝެލްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ
ކޮލަމްބޯގެ ކޯސްރޭސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވަނީ 3-3 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލަންކާގެ މައްޗަށް ސީޝެލްސް ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލަންކާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަންކާއަށް ކާމިޔާބުކޮށްދިނީ އޮމޯލޭ މާވިން ހަމިލްޓަން އެވެ. ލަންކާއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ސީޝެލްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޖީން ހިއުބާޓް އެމަނުއަލްއެވެ.
ދެވަނަ ހާފް ފަށައިގެން ލަންކާއިން ދެވަނަ ފަހަރަށް ލީޑުނެގީ 57 ވަނަ މިނެޓުގައެވެ. މި ލަނޑު ލަންކާއަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އާކިބްއެވެ. ލަންކާއިން ލީޑު އިތުރަށް ފުޅާކުރީ ވަސީމް ރަޒީކަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލަންކާއަށް ކާމިޔާބުކޮށްދިނީވެސް ވަސީމް ރަޒީކެއެވެ.
ލަންކާއިން 2 ލަނޑުގެ ލީޑެއް ނެގިފަހުން ސީޝެލްސްއިން ވަނީ ކުރިޔަށް ޖެހިގެން ކުޅެ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. ސީޝެލްސްގެ ދެވަނަ ލަނޑަކީ 84 ވަނަ މިނެޓުގައި ލަންކާގެ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ. އަދި ސީޝެލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި އެލައިޖާ ވުޑްލީ ޖެހި ލަނޑުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންތީނޯއެވެ.
ފޯ ނޭޝަންސް ކަޕްގައި ސީޝެލްސް އާއި ލަންކާގެ އިތުރުން ދެން ވާދަކުރީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ.