ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޯލިޝަން ސަރުކާރުގެ އެންމެބޮޑު ކާމިޔާބަކީ ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލި ކޯލިޝަން ވެރިކަން މިހާތަނަށް ދެމެހެއްޓި ދެމެހެއްޓުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަކަށް ތިން އަހަރު ފުރުމާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރެއިން ނިމިގެންދިޔަ 3 އަހަރަކީ ސަރުކާރުން ބޮޑެތި ކާމިޔަބީތައް ހާސިލްކުރި ތިން އަހަރުކަމަށެވެ. ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން މިހާތަނަށްވެސް ދެމެހެއްޓި ދެމެހެއްޓުމަކީ ކޯލިޝަން ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތަފާތު އެކި ވިސްނުމާއި، ޚިޔާލުތަކުގެ ބޭފުޅުންނާއިއެކު ދިމާވި އެކި ގޮންޖެހުންތަކުގައި ކެތްތެރި ކަމާއި، ހިކުތަމްތެރި ކަމާއިއެކު ރައީސް ޞާލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތަކީ މިއަދު ލިބިފައިވާ ކާމިޔާބުތަކުގެ އެންމެ ބޮޑު ސިއްރުކަމަށް އިމްރާން ވިދާޅުވިއެވެ. ޚާއްސަކޮށް ކޯވިޑް-19ގައި ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ރާއްޖެ އަލުން ކޮޅަށް ޖެހި، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ވަމުންދާތަން ފެންނަ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތައްވެސް ކޯވިޑާއިއެކު ފެނިގެންދިޔައީ ގޮތްހުސްވެ ހުއްޓުން އެރިތަން ކަމަށާއި، ނަމަވެސް ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، އެމަނިކުފާނު ވަނީ ކޯވިޑް މެނޭޖްކޮށް ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް ނަމޫނާ ދައްކަވާފައިކަމަށެވެ.
އިމްރާން ވިދާޅުވީ އޭނާއަދާ ކުރައްވާ މަޤާމުގެ ހައިސިއްޔަތުން މިހާތަނަށް އޮތް އެންމެބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރުން އަދި ރައީސް ޞާލިހުގެ އެއްވެސް ނުފޫޒެއް ނެތުންކަމަށެވެ. މީގެ ކުރީގެ ވެރިކަން ތަކުގައި ކަންކަން ހިނގާފައިވަނީ އެމަގުން ނޫންކަމަށާއި، ވެރިކަމުގެ އާރާއި ބާރުލިބުމުން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ހިތުހުރި ގޮތަކަށް ފާއިތުވެދިޔަ ތަނުގައި ކަންކަން ކުރަމުން ދިޔަ ނަމަވެސް މިއަދު އެކަން ބަދަލު ވެފައިވާކަމަށެވެ. އިމްރާން ވިދާޅުވީ މިއަދު ކޮންމެ ވަޒީރަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށްވެސް މިނިވަން ކަމާއިއެކު ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ