ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ، ކޯލިޝަން ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު ޤައުމުގެ މިނިވަންކަން ވަނީ ގެއްލިފައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތިން އަހަރުން ރައްޔިތުންނަށް ފެނިގެންދަނީ ނުތަނަވަސްކަމާއި، އަނިޔާވެރިކަމާއި، މިނިވަންކަން ނެތްތަން ކަމަށެވެ. ޤައުމުގެ މިނިވަންކަން އަވަށްޓެރި ޤައުމަކަށް ހަދިޔާކޮށް، މާތްވެގެންވާ އިސްލާމްދީނަށް އިންތިހާއަށް ފުރައްސާރަކުރުން ބޮޑުވެ، ރައްޔިތުން ބިކަ ހާލުގައި ޖައްސައި، ދަރަނި ވެރި ކޮށްފައިވާކަމަށެވެ.
ސަރުކާރު ފެނިގެންދަނީ އެއްވެސް އަމާޒެއްނެތި ކުރިއަށްދާ ސަރުކާރެއްގެ ގޮތުގައިކަމަށާއި، ޒުވާނުން މަގުމަތިވެ ރައްޔިތުން ނިކަމެތިވުން ނޫންކަމެއް މިތިން އަހަރުގައި ވެފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ. ޖިންސީ ގޯނާއާއި، ވައްކަމާއި ފޭރުމާއި، މަސްތުވާތަކެތިވެސް އިންތިހާއަށް އާންމުވެ ޝަރުއީ ދާއިރާގެ މިނިވަންކަންވެސް މިސަރުކާރުން ނަގާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސޯލިހުގެ ނާގާބިލް ސަރުކާރަށް 3 އަހަރު ފުރުނުއިރު މިނިވަންކަން ގެއްލިއްޖެ. ދީނަށް ފުރައްސާރަކުރުން ޢާންމުވެއްޖެ. ގައުމު ދަރުވާލައިފި. ރައްޔިތުން ބިކަވެއްޖެ. ޒުވާނުން މަގުމަތިވެއްޖެ. ވައްކަން އިންތިހާއަށް ހިނގައްޖެ. ރޭޕްކުރުމާ ޖިންސީ ގޯނާ ހައްދު ފަހަނައަޅައިފި. ޝަރުޢީ ނިޒާމު ފުނޑާލައިފި.
– އަދުރޭ ވިދާޅުވިއެވެ.
ސަރުކާރުން ހިންގަމުންދާ ނޭއްގާނީ އަމަލުތަކާއި، މިނިވަންކަމާއި ގުޅުންހުރި އެކި މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާކޮށް، ސަރުކާރު ޒިންމާދާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އޮތް އެންމެ ބޮޑު ހުރަހަކީ އެކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުރުމެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ ރާއްޖެ މިހާރު އޮތް ހާލަތުން އަރައި ގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށާއި، ރައީސް ޔާމީނަށް 2023 ގައި ވާދަކުރެވި އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ