ފަހު ވަގުތު ބަންގްލަދޭޝް ބަލިކޮށް ލަންކާ ފައިނަލަށް

ފަހު ވަގުތު ބަންގްލަދޭޝް ބަލިކޮށް ލަންކާ ފައިނަލަށް

ސްރީ ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑުން ބަންގްލަދޭޝް ބަލިކޮށް މުބާރާތް ބާއްވާ ލަންކާއިން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ލަންކާ ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ލަންކާ ނުކުތްއިރު، ފައިނަލުން ޖާގައެއް ހޯދުމަށް މި މެޗު ކާމިޔާބުކުރުން ލަންކާއަށް މަޖުބޫރެއެވެ. މިމެޗު އެއްވަރުވެގެން ނިމުނުނަމަ ފައިނަލުން ޖާގައެއް ކަށަވަރުވާނީ ބަންގްލަދޭޝްއަށެވެ.

ލަންކާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލަންކާއިންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ވަސީމް ރަޒީކެވެ. ލަންކާއިން ލަނޑު ޖަހާ ލީޑު ނެގިފަހުން ބަންގްލަދޭޝްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ބަންގްލަދޭޝްގެ ޓޯޕޫ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މި ޕެނަލްޓީއަކީ ގޯލުގެ ރޮނގު މަތިން ލަންކާގެ ޑަކްސަން ޕުސްލަސް ބޯޅައިގައި އަތްލުމުން ރެފުރީ ދިން ޕެނަލްޓީ އެކެވެ. ރެފްރީ ވަނީ ޑަކްސަންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މެޗުގައި ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަކުރީ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އިބްރާހިމްއެވެ. 1-1 އިން އެއްވަރުވެގެން މެޗު ނިމެންދަނިކޮށް ލަންކާއަށް ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ބަންގްލަދޭޝް ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ލަންކާއަށް ދިން މި ޕެނަލްޓީ ވަސީމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާ ލަންކާ ފައިނަލަށް ގެންގޮސްދީފައެވެ.

މި މުބާރާތުގެ ފައިނަލަށް ލަންކާ ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސީޝެލްސްއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *