ސީޝެލްސް އަތުން މޮޅު ނުވެވުމުން ރާއްޖެ މުބާރާތުން ކަޓައިފި

ސީޝެލްސް އަތުން މޮޅު ނުވެވުމުން ރާއްޖެ މުބާރާތުން ކަޓައިފި

ސްރީލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސް އަތުން މޮޅު ނުވެވުމުން ދިވެހިރާއްޖެ މުބާރާތުން ކަޓައިފިއެވެ.

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ކުޅުނު 3 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ވެފައެއްވެސް ނުވެއެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ލަންކާ އާއި އެއްވަރުވިއިރު، ދެވަނަ މެޗުގައި 18 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ބަލިވެފައެވެ. އަދި މުބާރާތުގައި މިއަދު ކުޅުނު ފަހު މެޗުގައި ސީޝެލްސް އާއި ވާދަކުރި މެޗު ނިމުނީ 0-0 އެއްވަރުވެގެންނެވެ.

މި މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗަށް ނެރުނު ފުރަތަމަ 11 އާއި ހިލާފަށް މިއަދު ނެރުނު ފުރަތަމަ 11 އަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޢަލީ އަޝްފާގް، ޢަލީ ފާސިރު އަދި އިބްރާހިމް މަހުދީގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުޞަތު ދިނީ، ހަމްޒާ މުހައްމަދާއި، ނާއިޒް ހަސަން އަދި ޢަސަދުﷲ ޢަބްދުﷲ އަށެވެ. ފުރަތަމަ 11 ނިންމި ފަހުން މެޗު ވޯމްއަޕްގައި ނާއިޒްއަށް އަނިޔާވުމާއި ގުޅިގެން އޭނާގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުޞަތު ލިބުނީ ޙަސަން ރާއިފް އަހުމަދަށެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމަށް ވެހެމުން ދިޔަ ބޯ ވިއްސާރައިގެ ތެރޭގައި ކުޅެމުން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ރާއްޖެ ޓީމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރާއިފް ފޮނުވާލި ހަމަލާއެއް ސީޝެލްސްގެ ގޯލްކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހުސެއިން ނިހާން ފޮނުވާލި ހަމަލާއެއް ސީޝެލްސްގެ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދަނޑު ޗަކަވެފައި އޮތުމުން ރަނގަޅު ކުޅުމެއް ދެއްކުމަށް ދެ ޓީމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި 77 ވަނަ މިނެޓުގައި ސީޝެލްސްގެ ޖުނީނިއޯ މެތިއަޓަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކުޅެން އެރުވި ރާއްޖޭގެ އަސްހަދު އަލީ ސީޝެލްސްގެ ކުޅުންތެރިއަކަށް ބޯޅަ ނެތީސް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ސީދާ ރަތް ކާޑެއް ރެފްރީ ވަނީ ދައްކާފައެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީޝެލްސްއިން ވަނީ ކަށަވަރުކޮށްފައެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލަށް ދަތުރުކުރާގޮތަށް ކުރިޔަށްދާ މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ މިރޭ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *