މިސަރުކާރު ސާފުތާހިރު ސަރުކާރަކަށް މިވީ ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްކޮށްލީމަތޯ: އަދުރޭ

މިސަރުކާރު ސާފުތާހިރު ސަރުކާރަކަށް މިވީ ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްކޮށްލީމަތޯ: އަދުރޭ

ތަރައްޤީގެ ވާހަކަވިޔަސް އަދި އެހެން ވާހަކައެއް ވިޔަސް ދައްކަންވާނީ ގައިން ތާހިރު ވެގެން ކަމަށާއި އެކަން އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.  އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ޖުމްހޫރީ ދުވަހު ރައީސް ސާލިހް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ސާލިހަށް ތުހުމަތުކޮށް ދެކެވޭ ވަރަށް ގިނަ ވާހަކަތަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަންނަވަން އެބަޖެހޭ ކަމަށެވެ. " އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 37 މިލިއަނަށްވުރެ ގިނަ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ވިދާޅުވުމުން އެމަނިކުފާނު އެބަޖެހޭ އެއަށް ޖަވާބުދާރީވެ ވަޑައިގަންނަވަން. އެތުހުމަތުން އެބަޖެހޭ ބަރީއަވެ ވަޑައިގަންނަވަން. ބަރީއަވެވަޑައިގަތުމަށްޓަކައި، ގައިން ތާހިރުވުމަށްޓަކައި މަނިކުފާނުކުރައްވަން ވީ ކަމަކީ މަސްއޫލިއްޔަތުން އެއްފަރާތްވެވަޑައިގަތުން. އަމިއްލަފުޅަށް މިމައްސަލަ އޭސީސީއަށާއި އެހެން މުއައްސަސާތަކަށް ހުށައަޅައިގެން ބެލޭނެ މަގު ސާފުކޮށްދިނުން." އަދުރޭ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ގިނަ ޣައްދާރުން ނިސްބަތްވަނީ އެމަނިކުފާނުވެސް މިއަދު ނިސްބަތްވާ އާއިލާއަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. ކެރަފާ އާއިލާއާއި ސިއްކަ އާއިލާ ގައިންތާހިރުވެގެން ނޫނީ މިބޭފުޅުންނަށް ސިޔާސީ ވާހަކައެއްވެސް އަދި އެހެންވާހަކައެއްވެސް ނުދެއްކޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚު ދައްކާ ހަގީގަތް ހާމަވާއިރު އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އާއިލާއަށްވުރެ ނުތާހިރު އާއިލާއެއް ނެތޭ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައަކަށް ނުވާނެ ކަމަށެވެ.

އަދުރޭ ވަނީ ރައީސް ސާލިހު ދެއްކެވި ވަރަށް ގިނަ ވާހަކަތަކަށް ރައްދުދެއްވާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ " ރަނގަޅު ކުރަންޖެހޭ" އެންމެ ފުރަތަމަ ކަމަކީރައީސް ސާލިހު މަގާމުން އިސްތިއުފާދެއްވުން ކަމަށެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވައިގެން ނޫނީ ސަރުކާރުވެސް ދައުލަތްވެސް ރަނގަޅުކުރެވެން ނެތްކަމަށެވެ.

ޖުމްހޫރީ ނިޒާމަކީ  އަދާވާތްތެރިކަމާއި ހަތުރުވެރިކަމުގެ ނިޒާމަކަށް ނުވާއިރު މަނިކުފާނު ވެރިކަމަށް ވަޑައިގެންފައި ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ ބާރު ސްޕީޑުގައި  މިގައުމާއިގެން ދަތުރު ކުރެއްވި ގިނަ ބަޔަކު އުއްމީދުނުކުރާހާ ގިނަ ތަރައްގީ ގެނެސްދެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލަގައްޔޫމަށް އަނިޔާކުރައްވަމުން ގެންދަވަނީ ކޮން ނިޒާމެއްގެ ތެރެއިންތޯ އަދުރޭ ސުވާލު ކުރެއްވި އެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ރައީސް ޔާމީންގެ ޝާރީއަތަށް ނުފޫޒު ފޯރުވަނީ ކޮން ހަމައެއްގެ ތެރެއިންތޯ އެއްސެވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި  މީގެ ކުރިން ސިޔާސީ ހަލަބޮލިކަން އުފެއްދީ ކޮންބައެއްތޯ އައްސަވަމުން އަދުރޭ ވިދާޅުވީ 2005 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކޮށްލީ އިބްރާހިމް މުހައްމަދު ސާލިހާއި އޭނާގެ އެކުވެރިޔާ ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެ ހުރެގެން ކަމަށެވެ. ދިވެހިރާޖެއަކީ އަމާންކަމާ އޮމާންކަމާއެކު ހިނގަމުންއައި ވެރިންނަށް އިހްތިރާމްކުރާ ރައްޔިތަކު ދިރިއުޅޭ ރާއްޖެއެއް ކަމަށާއި ހަރުމީހުންނާއި އުމުރުން ދޮށީ މީހުންނަށް އިހްތިރާ ގަދަރާ ލޯބި ދީގެން ރައްޔިތުން އުޅުނު ޜާއްޖެއެއް ކަމަށެވެ.

މިހުރިހާ ކަމެއް ނަގާލާ ދިވެހިރާއްޖެ ހަލަބޮލި ކޮށްލީ ރައީސް ސާލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެތިބެގެން. އެމަންޒަރު ފެނިވަޑައިގެންނެވި ވާހަކަތޯ މަނިކުފާނު ރޭގަ އެ ވިދާޅުވީ އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން. ނޫންނަމަ 2008ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ނިމިގެން ދިއުމުން 8 ފެބްރުއަރީގައި  ރާއްޖޭގައިހުރި ޕޮލިސް ސްޓޭޝަންތަކާއި އެހެންވެސް ސަރުކާރުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާ އަންދާލި އަންދާލުން މަނިކުފާނަށް ފެނިވަޑައިގަތް ގަތުން އެއީތޯ މަނިކުފާނަށް ފެނިވަޑާއިގެންނެވި ސިޔާސީ ހަލަބޮލި ކަމަކީ އަޅުގަނޑު މިރޭ މަނިކުފާނަށް ދަންނަވާލަން ބޭނުން.

– ޢަބްދުއްރަހީމް ޢަބްދުﷲ

ރައީސް ސާލިހުގެ  ސަރުކާރު ސާފުތާހިރު ސަރުކާރަކަށް މިވީ ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްކޮށްލީމަތޯ އަދުރޭ ސުވާލުކުރެއްވި އެވެ. "ރައީސް ޔާމިންގެ ވެރިކަން ނިމިގެން ދިޔައިރު ޚަޒާނާގައި ހުރި ފައިސާއަށް މިސަރުކާރުއައިސް ވީނުވީއެއް ނޭނގުމަކީ ތޯއޭ މިސަރުގެ ސާފުތާހިރު ކަމަކީ. ހައްދެއްނެތި އިމެއްނެތި މިސަރުކާރުން ވައްކަން ކުރާ މީހުން ހިމާޔަތްކޮށް އެއްވެސް ކަމެއް ނުކުރެވި އެއްވެސް އަދަބެއް ނުދެވުންތޯ މިސަރުކާރުގެ ސާފު ތާހިރު ކަމަކީ."

ގައުމިއްޔަތުގެ ބަހާތަކުގައި ގަދައަޅާ ހިފަހައްޓާން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ސާލިހު ދެއްކެވި ވާހަކަފުޅާ ގުޅިގެން އަދުރޭ ވިދާޅުވީ މިސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި އެމްޑީއެން ކިޔާ ޖަމާއަތަކުން ﷲގެ ޒާތުފުޅާމެދު ސުވާލު އުފައްދާ  އިސްލާމްދީނަށާއި ރަސޫލާއަށް ހަޖޫޖަހާ  ފުރައްސާރަކޮށް ރިޕޯޓެއް ނެރުނީމާ އެމީހުންނާ ދޭތެރޭއެއްވެސް ފިޔަވަޅެއް ނޭޅުމަކީ އެވިދާޅުވާ ބަހާތައް ދޫކޮށްނުލުންތޯ އެވެ.   އެބަހާތައް ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވުމަކީ އެ ރިޕޯޓް ލިޔުނު މީހުންނަށް ސަރުކާރުގެ އިސް މަގާމްތައް ދިނުންތޯ ސުވާލުކުރެއްވި އެވެ. އެބަހާތައް ހިފެހެއްޓުމަކީ  އުތެމަ ކިޔާ ޖަމާއަތަކުން ނެރުނު ހަމަ މިފަދަ ރިޕޯޓަކަށް ފިޔަވަޅު ނާޅާ ދޫކޮށްލުންތޯވެސް އެއްސެވި އެވެ. މިއަފު ފެންނަމުންދަނީ މިސްކިތްކަށް އަރާ ކުޑަކަމުގޮސް ﷲގެ ކަލާމްފުޅަށް ކުޅުޖަހަމުންދާތަން ކަމަށާއި އެފަދަ މީހުންނަށް ފިޔަވަޅު ނާޅާ ދޫކޮށްލުންތޯވެސް ސުވާލު ކުރެއްވި އެވެ.

ދެން ވިދާޅުވަނީ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއޭ. ވިދާޅުވާއިރު މިސަރުކާރު އައިފަހުން ކުރަމުންދާ ކަންތައްތަކުން ދިވެހިރާއްޖޭގެ މިނިވަންކަން މިވަނީ އަހަރެމެންނަށް ހޯދާ ހޯދާ ނުފެންނަ ހިސާބަށް ގޮއްސަ. އުތުރުތިލަފަޅުގެ އެއްބަސްވުން އެއީ ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަސް. އެއްއެއްބަސްވުން ދިވެހި ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ މަންދޫބުންނަށް ހާމަނުކުރުން އެއީތޯ އެވިދާޅުވާ ބަހާތައް ދޫކޮށްނުލުމަކީ؟ ހަނިމާދޫ އެއަރޕޯޓުގައި ބޭރުގެ އަސްކަރިއްޔާއެއް ގާއިމްކޮށްގެން އަޅުގަނޑުމެންގެ ބާރު ނުފޯރާގޮތަށް އެއަރޕޯޓް ދޫކޮށްލުން އެއީތޯ މިނިވަންކަން ދަމަހައްޓަން ކުރެވޭ މަސައްކަތަކީ؟

– ޢަބްދުއްރަހީމް ޢަބްދުﷲ

ކައްދޫއާއި އައްޑޫގައި އިންޑިޔާ ސިފައިން ބައިތިއްބައިގެން މިހިނގަމުންދާ ކަންތައްތަކުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރަމުންދާތަން އެމަނިކުފާނަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *