މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނެސްފި

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނެސްފި

ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.

ލަންކާގައި ވެރިރަށް ކޮލަމްބޯއަށް މޫސުން ގޯސްވުމުގެ ސަބަބުން މި މަހުގެ 8 ވަނަ ދުވަހު ފަށަން ތާވަލްކުރި މުބާރާތް ފަށާފައިވަނީވެސް އިއްޔެ ހަވީރު ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުންނެވެ. އަދި ބަންގްލަދޭޝް އާއި ސީޝެލްސް ވާދަކުރަން އޮތް މެޗު ވަނީ މިއަދު ހަވީރަށް ޝެޑިއުލްކޮށްފައެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ނެރެފައިވާ ޝެޑިއުލްގައި ވާ ގޮތުން ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 3:30 ގައެވެ. ކުރިން މި މެޗު ކުޅެން ތާވަލްކޮށްފައި އޮތީ މާދަމާ ހަވީރަށެވެ. އަދި ރާއްޖެ އާއި ސީޝެލްސް އަންނަ އާދީއްތަ ދުވަހު ވާދަކުރަން އޮތް މެޗު މިހާރު ވަނީ އަންނަ އަންގާރަ ދުވަހަށް ފަސްކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 17 ގައި ކުޅެން ކުރިން ޝެޑިއުލްކޮށްފައިވާއިރު، މިހާރު މި މުބާރާތުގެ ފައިނަލް ތާވަލްކޮށްފައިވަނީ މިމަހުގެ 19 ވާ ހުކުރު ދުވަހަށެވެ. ފައިނަލް މެޗު ފަސްކުރީ އެ މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީއެވެ.

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ، ބަންގްލަދޭޝް، ސީޝެލްސް އަދި ދިވެހިރާއްޖޭގެ އިތުރުން ސްރީ ލަންކާއެވެ. ފައިނަލަށް ދަތުުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *