މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ލަންކާއަށް ފުރައިފިއެވެ.
މިމަހުގެ 8 އިން 17 އަށް ލަންކާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 4 ގައުމު ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާ، ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގެ އިތުރުން ސީޝެލްސްއެވެ. މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
ގައުމީ ފުޓްބޯޅަ ޓީމު ލަންކާއަށް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައި އެފްއޭއެމްގެ އިސްވެރިންވަނީ ޓީމާއި ބައްދަލުކޮށް ހިތްވަރުދެއްވާފައެވެ.
ގައުމީ ފުޓްބޯޅަ ޓީމު މިއަދު ލަންކާއަށް ފުރާފައިވަނީ 23 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ. އެންމެ ފަހުން މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ނެގި ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިންވަނީ މިފަހަރު ސްކޮޑުން ބާކީވެފައެވެ. އޭގެ ތެރެއިން ޓީމުގެ އެއް ނަންބަރު ކީޕަރ މުހައްމަދު ފައިސަލް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅޭނެއެވެ. އަދި އާއިލީ ސަބަބެއްގައި މޫސާ ޔާމީންވެސް ޓީމާއެކު ދަތުރެއް ނުކުރާނެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި މިފަހަރު ފައިނަލް ސްކޮޑުން ފުރުޞަތު ލިބުނީ ޔަސްފާދު ހަބީބް (މުލަކޭ) އާއި ޒުވާން ކީޕަރ ޔޫސުފް މީސަމް އަބްދުﷲ އަށެވެ.
މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ.