8 ބިލިއަން ޑޮލަރު ހޭދަ ކޮށްގެން ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލެވޭނެ ކަމުގެ ޔަގީންކަން ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމް (WFP) އިން ދީފިނަމަ، ޓެލްސާ ކުންފުނީގެ ސްޓޮކް ވިއްކާލާފަ، އެފައިސާ ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމަށް ހަދިޔާކޮށް އެކަން ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައި، ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަދި މަހުޖަނު، ބިލިއަނަރ އެލޮން މަސްކު ވިދާޅު ވެއްޖެއެވެ.
"ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމްއިން، މި ޓުވިޓަރ ތުރެޑުގައި، 6 ބިލިއަން ޑޮލަރުން ހޭދަ ކޮށްގެން ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލެވޭނެ ގޮތް ސާފު ކޮށްދީފިނަމަ، ވަގުތުން ވަގުތަށް ޓެލްސާ ކުންފުނީގެ ސްޓޮކް ވިއްކާލާފަ އެކަން ކުރަން އަހަރެން މިހުރީ ތައްޔާރަށް،" މިހަފްތާގެ އާދީއްތަ ދުވަހު އެލޮން މަސްކު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
But it must be open source accounting, so the public sees precisely how the money is spent.
— Elon Musk (@elonmusk) October 31, 2021
"6 ބިލިއަން ޑޮލަރުން ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާ ނުލެވިދާނެ. އެހެންނަމަވެސް، އޭގެއިން، ބަނޑުހައި ހޫނުކަމުގެ ސަބަބުން އުފެދިގައިވާ ހަމަނުޖެހުންތަކާއި ތަފާތު ކުރުންތައް ނައްތާލެވިދާނެ، އަދި ހައި ހޫނުކަމުގެ ސަބަބުން މީހުން ހިޖުރަ ކުރާ ކުރުންވެސް ހުއްޓުވިދާނެ، އަދި އޭގެ ސަބަބުން މިހާރުވެސް ހައިހޫނު ކަމުގައި ދުނިޔެ އަޅާ ދިއުމުގެ ހާލަތުގައި ތިބި 42 މިލިއަން މީހުން އެހާލަތުން މިންޖު ކުރެވިދާނެ،" ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމްގެ ޗީފް، ޑޭވިޑް ބީސްލޭ، އެލޮން މަސްކުގެ މި ޓޫވީޓަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
"ތިބޭފުޅާގެ އެހީތެރިކަމުގައި، އަހަރެމެންނަށް އުންމީދާއި، މުސްތަގުބަލުގެ ހަމަޖެހުން ގެނެވިދާނެ،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ބީސްލޭވަނީ، ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމްއިން ކުރާ ޚަރަދުތައް ބެލޭނެ އަދި އެކައުންޓް ކުރެވޭނެ ފުރިހަމަ ނިޒާމެއް އެކުލަވާލެފިވައިވާ ކަމުގެ ޔަގީންކަންވެސް އެލޮން މަސްކަށް ދެއްވާފައެވެ. އަދި، ސިއްރުތައް ހިފަހައްޓައިގެން އެކީ މަސައްކަތް ކުރެވޭނެ ވަރުގެ ޓީމެއްވެސް ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމްގައި އޮތްކަމަށްވެސް ބީސްލޭ ވަނީ ވިދާޅުވެފައެވެ.
ޔޫއެންގެ ވާލްޑް ފުޑް ޕްރޮގްރާމްގެ ޗީފް ވަނީ މީގެ ކުރިންވެސް ދުނިޔޭގެ ބިލިއަނަރުންނަށް، ދުނިޔެއިން ހައިހޫނުކަން ނައްތާލުމަށްޓަކާ އެފަންޑަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވާލާފައެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބީސްލޭ ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ މުއްސަދި 400 ބިލިއަނަރުންގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ފާއިތުވެދިޔަ އަހަރުވަނީ 1.8 ޓްރިލިއަން ޑޮލަރަށް އަރާފައި ކަމަށާއި، އޭނާ އެދެމެން މިދަނީ މި ހުރިހާ ބިލިއަނަރުންގެ މިލްކިއްޔާތުގެ %0.36 ދުނިޔެއިން ހައިހޫނުކަން ނައްތާލުމަށް އެހީގެ ގޮތުގައި ފޯރުކޮށް ދިނުމަށް ކަމަށެވެ.