ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގެ ހިއްސާދާރުން ފަހާ ދުވުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ތުހުމަތުތަކަކާ އެކު ދައުވާކޮށްދޭން އެދި ފޮނުވި މައްސަލައަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް އުފަންކޮށްފައި އޮތް މައްސަލައެއް ކަމަށާއި ޖިނާއީ އެއްވެސް ކުށެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ކުރީގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވަނީ ވިދާޅުވެފައެވެ. ހިއުމަންރައިޓް ކޮމިޝަނުން ފޮނުވި މައްސަލައިގައި ދައުވާ ކުރުމާއިމެދު ވަކި ގޮތެއް މި ފެށެ ހަފްތާގައި ނިންމާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ރަން ފަސް އަހަރުގައި ދިވެހި ރައްޔިތުންނަށް ތަރައްޤި ގެނެސްދެއްވުގައި ހިއްސާ ކުރެއްވި ބޭފުޅުން ފަހަ ދުވުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއްކަމަށެވެ. ކުރީގެ ޖެންޑަ މިނިސްޓަރަކީ އެކަމަނާ، ހުރިހާ ވަގުތެއް ހޭދަ ކުރެއްވީ އިލްމާ ތަޖުރިބާގެ އަލީގައި އެދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރެއްވި މިނިސްޓަރެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން އަދި އެމަނިކުފާނުގެ އުޖާލާ 5 އަހަރުގެ ހިއްސާދާރުން ފަހާ ދުވުން އެއީ އެމްޑީޕީގެ ރިޔާސީ ވައުދެއް. ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާގެ ހުރިހާ ވަގުތެއް ހޭދަ ކުރެއްވީ އިލްމާ ތަޖުރިބާގެ އަލީގައި އެދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރައްވާ. މީވެސް ޒާތީ ކަމަކަށް ނޫނީ ނުވާނެ.
-ޝިޔާމް ވިދާޅުވިއެވެ.
އެޗްއާރުސީއެމުން ވަނީ ޒެނީޝާގެ އިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، މުހައްމަދު ބަޝީރާ އެކު 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިފަ އެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލައެއް އެޗްއާރުސީއެމުން ފޮނުވާފައިވާ ކަން ޔަގީންކޮށްދިނުމުގެ އިތުރަށް ޕީޖީ އޮފީހުން ތަފްސީލެއް ނުދެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ކަމަކާ ގުޅުވައި ޒެނީޝާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ސަރުކާރަށް ފާޑުކިއުން ވަނީ އަމާޒުވެފައެވެ. މިނިސްޓަރަކަށް ހުންނެވިއިރު، ސިޔާސީ ކަންކަމުން އެއްފަރާތްވެވަޑައިގެން ކުޑަކުދިންގެ މައްސަލަތަކާއި ކުޑަކުދިންގެ ހިޔާއަށް ބަދަލުތަކެއް ގެންނަވަން މަސައްކަތް ކުރެއްވި މިނިސްޓަރަކަށް ދައުވާ އުފުލަން ފޮނުވުމަކީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކުރާ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.