ފުރަތަމަ ޙިފްޡު ކޮމެޓީ ފުވައްމުލަކުގައި އިފްތިތާހު ކޮށްދެއްވައިފި

ފުރަތަމަ ޙިފްޡު ކޮމެޓީ ފުވައްމުލަކުގައި އިފްތިތާހު ކޮށްދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 08:22
0

ފުވައްމުލަކު ސިޓީގެ ޙިފްޡު ކޮމެޓީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިއީ އަތޮޅުތަކުގައި ޤާއިމުކުރި މިފަދަ ފުރަތަމަ ކޮމެޓީއެވެ. ފުވައްމުލަކު ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުން އެކިއެކި ޚިދުމަތްތައް ހޯދުމަށް ހަމައެކަނި މާލރ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަތޮޅުތަކުން އެޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއްކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޚިދުމަތްތައް އަތޮޅުތަކަށް ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޙިފްޡު ކޮމިޓީ މަސައްކަތް ފުވައްމުލަކުގައި ފެށިގެން ދިއުމާއެކު ވަރަށް ބޮޑު ތަކްލީފަކުން ސަލާމަތްވެ، ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ރަށުގައި ތިބެގެން ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ.

މިއަދު އިފްތިތާހު ކުރެވުނު ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 3 މެންބަރުންނެވެ. ފުވައްމުލައް ސިޓީގެ ޙިފްޡު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ޢަބްދު ﷲ މުފީދު – ކޮމިޓީ ރައީސް
ޙުސައިން އާދަމް – ކޮމިޓީގެ މެންބަރު
އަޙްމަދު ނަސީމު – ކޮމިޓީގެ މެންބަރު

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޙިފްޡު ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެގޮތް ބައްލަވާލައްވާ، ކީރިތި ޤްރުޢާން ހިތުދަސްކޮށް ޙިފްޡު އިމްތިހާނަށް ހާޒިރުވެތިބި ކުދިންނަށް ހިތްވަރުދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.