ދައުލަތުގެ ފައިސާއިން ކުރާކޮންމެ ކަމެއްގައި ކޮލެޓީއެއް ހުންނަންޖެހޭ: ނައިބް ރައީސް

ދައުލަތުގެ ފައިސާއިން ކުރާކޮންމެ ކަމެއްގައި ކޮލެޓީއެއް ހުންނަންޖެހޭ: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 05:10
0

ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން، އެންމެ ބޭނުންތެރި ގޮތަށް ކުރާ ކަމަކަށްވުމީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު މަސްޖިދުލް ހުދާ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ބިނާކުރާ މި މިސްކިތުގައި އެއް ވަގުތަކު 450 މީހުނަށް ނަމާދުކުރުމުގެ މަގުފަހިވެގެންދާނެއެވެ.

އެއަށްފަހު ރައީސުލްޖުހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވާ، އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފައެވެ. ފުވައްމުލަކު ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުއްވުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ގެންގުޅުއްވާ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެފަދަ މާހައުލެއް އިރާދަކުރެއްވިއްޔާ ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަޤުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ 4 އަވަށުގެ 4 ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަމާއިމެދު މަޝްވަރާކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާއިމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ޢެހެންވެއްޖެއްޔާނަސީދިއައްއެކުރާހަރަދުގާ ހާދަކޮލަޓީއެތް ހުންނާނެތަ