ސަރުކާރުގެ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުހިނގާ ރަށެއްނެތް: ނާއިބް ރައީސް

ސަރުކާރުގެ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުހިނގާ ރަށެއްނެތް: ނާއިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 08:38
0

މިސަރުކާރުގެ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުހިނގާއެއްވެސް ރަށެއް ނެތްކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގެ 'ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް' ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، މި ސަރުކާރުން ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއްނެތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މަޝްރޫޢުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްޤީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ނައިބު ވަނީ މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާ ބޮޑު ހޭދައެއް ތަޢުލީމީ ދާއިރާއަށް ކުރުމުގެ ބޭނުން ވަރަށް ތަފްޞީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް މިހާ ބޮޑު ސަމާލުކަމެއް ދެނީ ޤައުމެއް ބިނާވެ ކުރިއަރައިދަނީ ތަޢުލީމީ ޤާބިލު އުފެއްދުންތެރި ޖީލެއް އުފެދިގެންކަންކަމަށް ވާތީ ކަމަށެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިލާ ކޮލެޖުގެ 14 އަހަރުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ވިލާ ކޮލެޖުން ކުރައްވާ ބުރަ އަދި މަތިވެރި މަސައްކަތަށް ތަޢުރީފުކުރައްވާ އެކޮލެޖުގެ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެވޯޑް ޙާޞިލްކުރެއްވި ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ.

ނައިބު ވަނީ މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ޙާޞިލުވާނީ ނުހަނު ބުރަ މަސައްކަތުންކަމަށާއި އަދި އެތައް ފަރާތެއްގެ މަދަދާއި އެހީތެރިކަމުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމަޢުގައި އުޅޭއިރު މީހުންނަށް އިޙްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް ބާރުއަޅުއްވާފައެވެ.

ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް" ޙާޞިލުކުރެއްވި ބައެއް ދަރިވަރުންނަށް މި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މި ޙަފުލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.