ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް، ވޭންދެނިވި ޢަޒާބު ހުރިކަމެއް: ޚުތުބާ

ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް، ވޭންދެނިވި ޢަޒާބު ހުރިކަމެއް: ޚުތުބާ

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 01:08
0

ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އަދި ވޭންދެނިވި ޢަޛާބު ހުރި ކަމެއް ކަމުގައި ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ "ޒަކާތް" ދިނުމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާ މެދު ފަޤީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮ ދުޢާ ލިބިގެން ދިޔުމުގެ ސަބަބެއްކަމަށެވެ. އަދި މުޖުތަމަޢުން ފަޤީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން، އުފާވެރިކަމާއި، ހިނިތުންވުމުގެ އަޘަރުތައް، ފާޅުކޮށްދޭ ކަމެއްކަމުގައެވެ.

ޒަކާތް ދިނުމަކީ އިސްލާމީ މުޖުތަމަޢުގައި، އޮންނަންޖެހޭ އެކުވެރިކަމާއި، ރަޙްމާއި، ހަމްދަރުދީގެ މަތިވެރި ސިފަ، ރަމްޒު ކޮށްދޭ ކަމެއް. އޭގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ބަދަހިވެދޭ. އަދި އެއީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީގޮތުން ލިބޭ ވަރުގަދަ ބާރެއް.

– ޚުތުބާގައި ބުނެފައިވެއެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގުރާމެވެ. ރިހިންނަމަ 595 ގުރާމެވެ. ދިވެހި ރާއްޖޭގައި ނިޞާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ ޢަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ، ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެންނެއް ނުވެއެވެ. ވިޔަފާރިވެރިޔަކު ނަމަ، ނިޞާބު ހަމަވޭތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުންނެވެ. ކުންފުނި ހިންގާ ފަރާތުން ޒަކާތް ނުނެރޭ ނަމަ، ކުންފުނީގެ ޙިއްސާދާރުން އަމިއްލައަށް އެމީހެއްގެ ހިއްސާއާއި، ފައިދާގެ ޒަކާތް ނެރުން ވާޖިބުވާނެއެވެ. ޙިއްސާގެ އަގުން ޒަކާތް ނެރޭނީ އެއީ ގަނެވިއްކާ ޙިއްޞާ ކަމުގައި ވާނަމައެވެ. އެނޫން ޙިއްޞާތަކުން ޒަކާތް ވާޖިބުވާނީ އެއިން ލިބޭ ފައިދާ އިންނެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް. އަދި ވޭންދެނިވި ޢަޛާބު ހުރި ކަމެއް.

– ޚުތުބާގައި ބުނެފައިވެއެވެ.

އަމިއްލަ ބޭނުމަށް ދުއްވާ އޮޑިދޯނިފަހަރާއި، ކާރާއި، ސައިކަލް އަދި ގެދޮރުން ޒަކާތް ދިނުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެތި ކުއްޔަށް ދޭނަމަ، ލިބޭ ކުލިން ޒަކާތް ނެރެން ޖެހޭނެއެވެ. ވިއްކާ ނަމަ، އެ ތަކެތި އުފެއްދުމަށް ހޭދަވި މިންވަރަށް އަގުކޮށް ނިޞާބު ހަމަވާ ނަމަ، އަހަރު ފުރުމުން އެ މުދަލުން ވެސް ޒަކާތް ނެރެން ޖެހޭނެއެވެ. ދަނޑު ގޮވާމާއި މޭވާއިން ޒަކާތް ދޭން ޖެހޭނީ ފަހަށް ރައްކައުކޮށްފައި ބެހެއްޓޭ ފަދަ އޮށްޓަރު ހުންނަ ގޮވާމުންނެވެ. ޒަކާތް ދޭން ޖެހޭ މޭވާގެ ބާވަތްތަކަކީ ކަދުރާއި މޭބިސްކަދުރެވެ.

ތަރުކާރީއާއި، އެހެނިހެން މޭވާގެ ބާވަތްތަކުން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެފަދަ ބާވަތްތަކުން ޒަކާތް ދޭން ޖެހޭނީ އެ ތަކެތި ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުން ކުރާ ނަމަ އެ ވިއްކައިގެން ލިބޭ އަގުންނެވެ. އެ އެއީ ވިޔަފާރި މުދަލުން ޒަކާތް ދޭން ޖެހޭ އުޞޫލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.