ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހައްދުންމަތީ ދަނބިދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކައުންސިލަށް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމާއި ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ހުރިހާ އުމުރުފުރައަކަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްގެ ބޭނުން ޖެހިފައިވާކަމުގައި ކައުންސިލަރުން އެމަނިކުފާނުގެ އަރިހުގައި ދެންނެވިއެވެ.
ކައުންސިލަރުން އިތަރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއެކު މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މަޢުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިއަނުދިނުމަށްޓަކައި ޤާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރައްވަންވާނެ ކަމުގައި ވިދާޅުވިއެވެ.