ހއ.ހޯރަފުށީގައި އަޅަމުންދާ އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދާ އެއްބައިވަންކަމާއި އެކުވެރިކަމުގެ ނަމޫނާއަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ތައުރީފް ކުރައްވައިފިއެވެ.
ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވާ އެއްބައިވަންތަކަން ސިފަކުރައްވައި އާޒިމް ވިދާޅުވީ ހޯރަފުށްޓަކީ އެކުވެރި ރައްޔިތަކު ދިރިއުޅޭ އެއްބަވަންތަ ރަށެއްކަމަށެވެ. އަދި އެއާޕޯޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ ދުވަހަކުވެސް ހިތުން ފޮހެލަން ދަތި ކަންތައްތަކެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
@MTCCPlc in hoarafushee airport mashroou kuriyah gendhaa iru raiyithunge faraathun libemundhaa eheetherikamakee hithun filuvaanuleveyne varuge eheetherikameh. Haadhahaa ekuveri raiyithun thakeh ulhey rashekey hoarafuhtakee. @SalleHoarafushi pic.twitter.com/CZu34YAVGw
— Adam Azim #ReDiscover #Maldives (@adamazim) October 31, 2020
ހޯރަފުށީ އެއާރޕޯޓް މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އެމްޓީސީސީން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ޓާމިނަލްގެ މަސައްކަތެވެ.
ހއ.މާފިނޮޅުގައި އެޅުމަށް ނިންމި އެއަރޕޯޓްގެ މަސައްކަތް، ހޯރަފުށްޓާއި ގުޅުވާލަން ސަރުކާރުން ނިންމީ ފެހިކަންގަދަ މާފިނޮޅު އެ ގުދުރަތީ ރީތިކަންމަތީ ބޭއްވުމަށެވެ. ހޯރަފުށި އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެރަށުން ހިއްކާފައިވާ ސަރަޙައްދަށް އިތުރު 16 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ