އަންނަ އަހަރު އޯސްޓްމަހު ފެށޭ ދިރާސީ އައު އަހަރުގައި ގްރޭޑް 1 އަށް ވައްދާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 7 އަހަރު ފުރޭ ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޯވިޑް19 އާއި ގުޅިގެން ސްކޫލްތަކުގައި ކިޔަވައި ނުދެވި ގިނަ ދުވަސްތަކެއްވުމާއެކު އަންނަ އަހަރުގެ ދިރާސީ އައު އަހަރު އޯގަސްޓްމަހުގެ 10 ގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެހެންކަމުން އަންނަ އަހަރުގެ ދިރާސީ އައު އަހަރު ގްރޭޑް 1 އަށް ދަރިވަރުން ވައްދާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ.
މިހާތަނަށް މިނިސްޓްރީން ޢަމަލުކުރަމުން އައިސްފައިވަނީ އެއްހަރެއްގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑޑް 1 އިން ޖާގަ ދިނުމުގެ އުސޫލަށެވެ. އަދި މިހާރު ޕްރީ ސްކޫލް ތަޢުލީމަކީވެސް ސަރުކާރުގެ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ ދަރިވަރުން އަލަށް ވައްދާނީ އެލްކޭޖީއަށެވެ. އަދި އެލްކޭޖީން ޖާގަ ދެމުން އައިސްފައިވަނީ އެހަރެއްގެ ޖެނުއަރީއަށް 1 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.
ނަމަވެސް ދިރާސީ އައު އަހަރު އަންނަ އަހަރު އޯގަސްޓް މަހުގައި ފެށުމަށް ނިންމާފައިވާތީ ގްރޭޑް 1 އިން ޖާގަ ދިނުމުގެ އުސޫލަށް ބަދަލު ގެނައީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެއުސޫލުގައި ބުނެފައިވާ ގޮތުން ގްރޭޑް 1 އަށް ދަރިވަރުން ވައްދާނީ ފާއިތުވި ދެ އަހަރު ޕްރީ ސްކޫލް ތަޢުލީމް ފުރިހަމަކޮށް ނިންމާ ، ނިމިގެން ދިޔަ އަހަރު ޔޫކޭސީ ނުވަތަ އެފެންވަރުގެ ޕްރިގްރާމެއް ފުރިހަމަކޮށް، އެމަރުހަލާ ޙާސިލުކުރަންޖެހޭ މިންވަރަށް ތަޢުލީމާއ ތަރުބިއްޔަތު ފުރިހަމަކޮށްފައިވާ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 7 އަހަރު ފުރޭ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް އެޑިއުކޭޝަން މިނިސްޓްރީން އައު ކަލަންޑަރު ޢާންމުކޮށްފައިވަނީ އޯގަސްޓްމަހުގެ 13 ވަނަ ދުވަހު އެވެ. އައު އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި އައު ދިރާސީ އަހަރު ފެެށޭނީ އަނަން އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނައި މިބަދަލަކީ ދާއިމީކޮށް ގެންނަ ބަދަލެއްގެ ގޮތުގައި އަދި ކަނޑަނާޅާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ