ސްރީލަންކާގައި ބާއްވާ ފޯ ނޭޝަން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން މުބާރާތް ބާއްވާ ގައުމު ލަންކާއާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
ހަތަރު ގައުމު މި މުބާރާތުގައި ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ބާއްވާއިރު، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ.
މިއީ ލަންކާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެގައުމުން ބާއްވާ މުބާރާތެކެވެ. ކޯވިޑް-19 އާ ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރުވެސް ލަންކާގައި އެންމެ ރަނގަޅު ގޮތުގައި ފުޓްބޯޅައިގެ ޙަރަކާތްތަކެއް ކުރިޔަކަށް ނުގެންދެވެއެވެ. މީގެ ކުރިންވެސް 2012ވަނަ އަހަރު ލަންކާއިންވަނީ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާފައެވެ. އެފަހަރުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އެމުބާރާތް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފައެވެ. ސާފް ޗެންޕިއަންޝިޕްގައި ވާދަކޮށްފައިވާ ސްރީލަންކާއިން 4 މެޗް ކުޅެފައިވާއިރު އެޓީމަށް އެއްވެސް މެޗެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބަންގްލަދޭޝްއިން މިމުބާރާތުގައި 4 މެޗް ކުޅެފައިވާއިރު، އެޓީމު ވަނީ އެއްމެޗް ކާމިޔާބުކޮށް ދެ މެޗް އެއްވަރުކޮށް އަދި އެއް މަޗުން ބަލިވެފައެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާ 1 ލަނޑު 0 ލަނޑުން އަދި ބަންގްލަދޭޝް 2 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.
އަންނަ މަހު ލަންކާގައި ބާއްވާ މުބާރާތެއްގައި ރާއްޖެ ވާދަކުރަން ނިންމިއިރު، ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.
ކޮމެންޓު ފޮނުވާ