ޤައުމީ ބޭންކު (ބީއެމްއެލް)އިން އަލަށް ނަގާ ޕާސަނަލް ލޯނާއި، ހައުސިންގ ލޯނުގެ އިންޓްރެސްޓް ރޭޓް މިއަދުން ފެށިގެން ކުޑަކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ އެބޭންކުން މިބަދަލުގެނެސްފައިވަނީ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ. ބީއެމްއެލް އިން ގެނައި ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ އިންޓްރެސްރޭޓު ވަނީ %18 އިން %15 އަށް ދަށްކޮށްފައެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް ލޯން ލިބޭނެކަމަށްވެސް އެބޭންކުން ބުނެއެވެ.
ޤަވާއިދުން މުސާރަ ލިބެމުން ނުދާ މީހުންނަށް ދޫކުރަމުން އަންނަ ލުއި މައިކްރޯ ލޯނުގެ އިންޓްރެސްޓް ރޭޓްވެސް %13 އިން %12 އަށް ވަނީ ކުޑަކޮށްފައެވެ. އެބޭންކުން ބުނީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް ދޫކުރާ ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް މިހާރު %15 އިންޓްރެސްޓް ރޭޓެއްގައި ލިބޭނެކަމަށެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްފަދައިން ރަހުނަކާއެކު %12 އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެކަމަށްވެސް ބޭންކުން ބުނެއެވެ.
މީގެއިތުރުން ބީއެމްއެލްގެ ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ވަނީ %10 ކުޑަކޮށްފަ އެވެ. މިއީ ހައުސިން ލޯނަކަށް ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯނު ނުވަތަ ގެދޮރު ގަތުމަށް ދޫކުރާ ލޯނު، އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން %50 އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ. އަދި ވިޔަފާރި އުސޫލުން ގެދޮރު ޢިމާރާތްކުރާ ފަރާތްތައް ނުވަތަ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓުވެސް ވަނީ %12 އިން %10.5 އަށް ކުޑަކޮށްފައެވެ.
ބީއެމްއެލް އިން ބުނީ މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް %15 ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯގެ ރޭޓްތައް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައިކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ. މިއީ ކޯވިޑް-19އާއި ގުޅިގެން ކަސްޓަމަރުން ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓުތަކުގެ ސަބަބުން މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެކަމަށެވެ.
ބީއެމްއެލް އިން ބުނީ ފެށޭ ހަފްތާގައިމިގެނެވުނު ބަދަލާ ގުޅޭ މަޢޫލޫމާތު ޙިއްސާކުރާނެކަމަށެވެ. ބީއެމްއެލް އިން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން ބޭންކުން ވަނީ ލޯން އަދާކުރާމުއްދަތަށްވެސް ލުއި އިންތިޒާމްތަކެއް ގެނެސްދީފައެވެ.
ކޮމެންޓު ފޮނުވާ