އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން މީހާ ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހައިފި

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން މީހާ ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހައިފި

Author
މުޙައްމަދު ޖިމީ
04 އޮކްޓޯބަރ 2021 05:45
0

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅަށް ވަގަށް ވަތް މައްސަލާގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އުއްތަމަ ފނަޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް މީހަކު ވަންނަން މަސައްކަތްކޮށްފައިވަނީ މިދިޔަ މަހުގެ 30ގައެވެ. ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގްކުރުމަށް ކޯޓުން 7 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުގެ ހާލުގައި ހުރި މީހެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު މަޖިލީހުގައި ވަނީ ވިދާޅުވެގައެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތެއްގެ ރިޔާސަތުގައެވެ. އެއީ ރާއްޖޭގައި އައިއެއްގެ ފިކުރު ފަތުރަން މަސައްކަތްކުރާކަަމށް ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ ޝަރީޢަތުގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ. އަދި ތިން ބާރުގެ ވެރިންނަށް ކުރިން ދެމުން އައި ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.