އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް ޢަދްނާން ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަންނުމަށް މީހަކު މަސައްކަތްކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ދައުލަތުގެ 3 ބާރުން އެބާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަނުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިގެން ދިޔުމަކީ އެކޯލިޝަނުން އިންތިހާއަށް ކަނބޮޑުވާ ކަމަށް ބުނެފައިވެއެވެ.
އެފަދަ ފުރުޞަތެއް އެއްވެސް ފަރާތަކަށް ލިބިގެން ގޮސްފައިވާނީ، އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރި ކަމުގައި އިހުމާލުވެ، ދޭންޖެހޭ ސަމާލުކަން ނުދެވި، ފަރުވާ ކުޑަވުމުގެ ސަބަބުންކަމުގައި އެކޯލިޝަނުން ދެކޭކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އެހެންކަމުން ދައުލަތުގެ 3 ބާރުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަސް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށާއި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށް ވަރުގަދަ ކުރުމަށް ގޮވާލަމެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޑީޕީން ގޮވާލައިފި
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިމިވަނީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް މީހަކު ވަންނަން މަސައްކަތްކުރި މައްސަލައެއް އިއްޔެ ފެންމަތިވުމާއި ގުޅިގެންނެވެ.
އިއްޔެ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތެއްގެ ރިޔާސަތުގައެވެ. އެއީ ރާއްޖޭގައި އައިއެއްގެ ފިކުރު ފަތުރަން މަސައްކަތްކުރާކަަމށް ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ ޝަރީޢަތުގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ. އަދި ތިން ބާރުގެ ވެރިންނަށް ކުރިން ދެމުން އައި ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިކަމާއި ގުޅިގެން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންވެސް ކަންބޮޑުވުން ފާޅުކޮށް އުއްތަމަ ފަނޑިޔާރަށް ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ