އެޗްއާރުސީއެމްގެ މެމްބަރުކަމަށް ސަމާއު އައްޔަން ކުރައްވައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ސަމާއު އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 01:14
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބާއި ހަވާލުކުރައްވާފައެވެ. އަދި، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މީގެކުރިންވަނީ އެޓަރނީ ޖެނެރަލްގެ އޮފީޙުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމުވެސް 2010ވަނަ އަހަރާއި 2011ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.