އެމްއާރުއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ ފަށައިފި

އެމްއާރުއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ ފަށައިފި

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ޤައުމީ ޖަލްސާ ފަށައިފިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ އެމްއާރުއެމްގެ ޤައުމީ ޖަލްސާ ފަށާފައިވަނީ ހެނދުނު 09:30ގައެވެ. މި ރަސްމިއްޔާތުގައި އެމް.އާރް.އެމް ގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުތައް ފާސްކުރުން އޮންނާނެކަމަށް އެޕާޓިން ބުންޏެވެ. އަދި އެމްއާރުއެމްގެ މަޤާމުތަކަށްވެސް ބޭފުޅުން އައްޔަންކުރުން ކުރިއަށްދާނެއެވެ. އެމްއާރުއެމްގެ ޤައުމީ ޖަލްސާ ނިމޭނީ އިރުއޮއްސި 6 ޖަހާއިރު މަޤާމުތަކަށް ހޮވުނު ފަރާތްތައް އިއުލާންކުރުމަށްފަހުއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ 16 މަޤާމުތަކަށް 72 ބޭފުޅަކު ވަނީ ވާދަކޮށްފައެވެ.

އެމްއާރުއެމްގެ ޤައުމީ ޖަލްސާގެ ކުރިން ވަނީ ބައެއް މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ މަޤާމުތައް ކަށަވަރުވެފައެވެ. އެޕާޓިގެ މުހިންމު ގިނަ މަޤާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމުން 12 މަޤާމަކަށް މެމްބަރުން ވަނީ ވޯޓަކާއި ނުލައި ވަނީ ހޮވިފައެވެ. އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން ވަނީ ހޮވިފައެވެ. އަދި ރައީސް ކަމަށް ފާރިސް މައުމޫން ވަނީ ހޮވިފައެވެ. އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ ހޮވިފައެވެ.

މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަންޖެހޭ 4 މަޤާމަކީ ނާއިބް ރައީސް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރުންގެ އިތުރުން ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި، ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން އިންތިޚާބު ކުރުމެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ކަމަށެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *