ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށް، ރަންވޭ އެޅުމަށް ތައްޔާރުވެއްޖެ

ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށް، ރަންވޭ އެޅުމަށް ތައްޔާރުވެއްޖެ

ގުޅުންހުރި

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށް ގެންގޮސްފިއެވެ.

ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަބްގްރޭޑްގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވަނީ ބުނެފައެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ.

އެގޮތުން ރަންވޭ އެޅުމަށް ބޭނުންވާ އޭބީސީ ހިލަ ލިބި، ބޭލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމްޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ބުންޏެވެ.

އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކާ ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެމްޓީސީސީން ވަނީ އެރަށް ގެންގޮސްފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ސަރުކާރާއި ޙަވާލުކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ