ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެކެވެ. އަދި ވަކީން ޚާއްސަކޮށް ގައުމީ ކަންކަމުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އުފެދިގެންދިޔަ ސިޔާސީ އޮއިވަރުގައި، ގައުމުގައި ބޮޑެތި ބައިބައިވުންތައް އުފެދި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމު ސިޔާސީ ގޮތުން ބޮޑތެި ހަމަ ނުޖެހުންތަކެއްގެ ތެރެއަށް ޢަރަގުވެގެން ގޮސްފައިވި ނަމަވެސް، އަދިވެސް އެކުޅި ވަރެއްގައި ހުރިހާ ދިވެހިން އެއްބައިވަންތަކަން ދައްކާ ކުޅިވަރެއްގެ ގޮތުގައި އޮތް އެއް ކުޅިވަރަކަށް ވެގެންދަނީ ފުޓު ބޯޅައެވެ.
ގައުމީ ފުޓްބޯޅަ މުބާރާތަތަކުގައި ހުރިހާ ދިވެހިންވެސް ގައުމީ ޓީމަށް ހެޔޮ އެދެއެވެ. ފުޓު ބޯޅައިން ގައުމީ ޓީމަށް ކާމިޔާބު ލިބުން އެދެއެވެ. އަދި ހުރިހާ ގޮތަކުންވެސް ގައުމީ ފުޓު ބޯޅަ ޓީމަށް އެހީތެރިކަން ފޯރުކޮށް ދެއެވެ. އެއީ ތާޢީދު ކުރުމުގެ ގޮތުންނާއި، އަދި ސަޕޯޓު ކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތަށް ރޭވުމާއެކު، ގަލޮޅު ދަޑަށް ހާޒިރު ވެ ގައުމިޓީމަށް ހިތްވަރުދީ ސަޕޯޓު ކޮށްދީގެން ކަމުގައިވި ވިނަމަވެސް، މިހަގީގަތް އޮތީ ހަމަ މި ބީދައިންނެވެ.
މިގޮތުން، ފަހަކަށް އައިސް ރާއްޖެއަށް އައިސްފައިވާ ސިޔާސީ ބޮޑެތި ބަދަލުތަކާއެކު، އާދަކާދައިގެން ގޮތުންނާއި ސަގާފީ ގޮތުން ދިވެހިންތެރޭގައި އޮތް ގިނަކަންކަމަށް އޮތް ޝައުގާއި ފޯރި ވަރަށް ބޮޑުތަނުން ނެތިގެން ގޮސްފައިވި ނަމަވެސް، މިފަހަރަގެ ސާފް ޗެމްޕިއަންޝިޕް ބައްދަލު ކޮށްފައި މިވަނީ، ބައިނަލް އަގުވާމީ ފެންވަރުގެ ފުޓު ބޯޅަ މުބާރާތެއް ރާއްޖޭގެ ފަހަކަށް އައިސް ބޭވިގެން ގޮސްފައި ނުވާތާ އެތައް އަހަރެއް ފާއިތުވެގެން ގޮސްފައި ވަނިކޮށެވެ.
ގައުމީ ޓީމަށް އޮތް ލޯބި ގަލޮޅު ދަނޑުން!
މިއަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުނު ނަމަވެސް، މި މުބާރާތުގެ ފޯރި އާންމުންގެ ތެރޭގައި އުފެއްދުމަށް އެފްއޭއެމްއިންނާއި އަދި މީޑިއާތަކުން މަސައްކަތް ތަކެއް ކޮށްފައިވަނީ މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަން ފާހަގަ ކޮށްލެވެއެވެ.
އަދި ވަކީން ޚާއްސަކޮށް، މުޅި ދުނިޔެއަށް ޢާންމު ވެގެން ގޮސްފައިވާ ކޯވިޑް19 ކާރިސާގެ ނުރައްކާތެރިކަމުން ރާއްޖެއަށްވެސް އަރައި ނުގަނެވި، ކާރިސާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ލިބިދީފައިވަނީ ދާދި ފަހުން ކަމުގައިވާތީ، އާންމު ތަންތަނަށް އެއްވުމުގައި ހުރި ގޮންޖެހުންތަކާއެކު، ފުޓުބޯޅަ ފަދަ އާންމު ކުޅިވަރުތަކަށް ދިވެހިން ތެރޭގައި އޮތް ފޯރިއަށްވެސް މި ފިޔަވަޅުތަކުގެ އަސަރު އޮތީ އިންތިހާއަށް ކޮށްފައެވެ.
އެހެންނަމަވެސް، ގައުމީޓީމަށް ސަޕޯޓު ދީ ހިތްވަރު ދިނުމަށް، ސަރަހައްދީ ގައުމުތަކުގެ ގައުމީ ޓީމުތައް ރާއްޖެއަށް އައިސް، ގަލޮޅު ދަނޑުގައި ރައްޖޭގެ ގައުމީ ޓީމުވެސް ވާދަކުރާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމަށް ހިތްވަރުދީ، 12ވަނަ ކުޅުންތެރިޔާގެ ގޮތުގައި ސަޕޯޓަރުން ގައުމީ ޓީމާއެކީ ތިބުމަށް މުވައްސަސާތަކުން ވަނީ ސަޕޯޓަރުންނަށް ވަރަށްވެސް ބޮޑަށް ހިތްވަރު ދީފައެވެ.
ނަތީޖާއެއްގެ ގޮތުން، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭ ކުޅޭ މެޗް ފެށުމުގެވެސް ކުރިން މާލޭގެ އާއި އަދި ރާއްޖޭގެ އެކި ހިސާބުތަކުގައާއި، އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންވެސް، ގައުމީ ޓީމަށް ސަޕޯޓުކޮށް، އަދި ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ފާއިތުވެދިޔަ ފަހްތާތަކުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. މިގޮތުން، މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗް ބެލުމަށް، ފަހަކަށް އައިސް ގަލޮޅު ދަނޑަށް މީހުން ވަދެފައި ނުވާހާ ގިނަ އަދަދަކަށް މީހުން ވަދެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ގަލޮޅު ދަނޑުގައި، ރައްކުލައިގެ ހެދުމުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު، އެކި ގޮތްގޮތުން ގައުމީ ޓީމަށް ސަޕޯޓު ކުރުން، މެޗް ފެށުނީއްސުރެ ނިމެންދެން މެދު ނުކެޑި ކުރިަޔަށް ގެންގޮސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
މިގޮތުން، ކޯވިޑް ނުރައްކާތެރިކަމާއި ބިރުވެރިކަން އަދިވެސް މުޅިން ފިލައިގެން ގޮސްފައި ނުވާއިރު، އަދި ފަހަކަށް މިފަދަ އާންމު ކުޅިވަރުތަކަށ ދިވެހިންތެރޭގައި އޮތް ފޯރިއާއި ޝައުގުވެރިކަން އިންތިހާއަށް ބޮޑަށް ނެތިގެން ގޮސްފައި ވަނިކޮށް، ދިވެހި ގައުމީ ޓީމަށް ސަޕޯޓު ކުރުމުގެ ގޮތުން ދަޑަށް ވަދެތިބި އެތައް ސަތޭކަ ދިވެހި ސަޕޯޓަރުން ދައްކުވައިދިން ފޯރިއާއި ހަރަކާތްތަކުން، ފުޓު ބޯޅާގައި ދިވެހިންގެ ތެރޭގައި އޮތް ފޯރިއާއި އަދި ގައުމީ ޓީމަށް ސަޕޯޓު ކުރުމުގައި އޮތް ސަގާފަތް، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އިއާދަވެގެން ދިޔަ ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މޮޅަށް ކުޅެ ބަލިވިނަމަވެސް، އުއްމީދު ކުޑަވެގެނެއް ނުދޭ!
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ރާއްޖެއިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ނޭޕާލުގެ ޓީމެވެ. މިމެޗު ނޭޕާލުން ކާމިޔާބު ކުރީ 1 – 0 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅެވުނު މިމެޗުގައި ގިނަބަޔަކު ދެކޭ ގޮތުގައި، ރާއްޖޭގެ ގައުމީ ޓީމުގެ އަސްލު ކުޅުން ދެއްކިފައި ނުވިނަމަވެސް، ނޭޕާލަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅެފައިވަނީ ރާއްޖެއިންނެވެ. އަދި މެޗުގައި ދިވެހި ޓީމުން އަލީ އަޝްފާޤާއި، އަލީ ފާސިރު ސެންޓޭގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފެއްދިތަންވެސް ފެނިގެން ގޮސްފައިވެއެވެ.
އެހެންނަމަވެސް، ދަނޑަށް ވަދެތި އެތައް ސަތޭކަ ދިވެހި ސަޕޯޓަރުންގެ ފަރާތުން މެދު ނުކެޑި ދިވެހި ޓީމަށް ކުރަމުންދިޔަ ސަޕޯޓައެކުވެސް، އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ވަނިކޮށް، ދިވެހި ޓީމުގެ މައްޗަށް ނޭޕާލުން ކުރި ހޯދަާފައިވަނީ، މެޗު ނިމެމުން ދަނިކޮށް، ކައުންޓު އެޓޭކްގައި މެޗު ނިމެން 4 މިނިޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައިގެންނެވެ.
މި ގޯލާއެކު ރާއްޖެއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެފައިވަނީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައ މިމެޗުގައި ނޭޕާލްގެ ގޯލްކީއްޕަރުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުންނެވެ. ރާއްޖޭގެ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ރާއްޖޭގައި ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ ނޭޕާލްގެ ކީއްޕަރެވެ.
މިމޮޅާއިއެކު މިއީ ފާއިތުވެދިޔަ 37 އަހަރުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެއިން މިހާތަނަށް ނޭޕާލްއާއި ކުޅުނު 9 މެޗުގެ ތެރެއިން 4 މެޗުން އެއްވަރުގެ 4 މެޗުން މޮޅު ވެފައިވާއިރު، ރޭގެ މެޗުން ގައުމީ ޓީމު ބަލިވެފައިވި ނަމަވެސް، ގައުމީ ޓީމުން ދެއްކި ކުޅުމާމެދު ގިނަ ބަޔަކު ތިބީ ވަރަށް ބޮޑު އުއްމީދެއްގައެވެ.
އަދި ގަލޮޅު ދަޑުން، ގައުމީ ޓީމާމެދު ރޭ އާކޮށްދިން އުއްމީދު ވެގެން ދިޔައީ، ގައުމީ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމުގައެވެ.