އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް މީހަކު ވަންނަން މަސައްކަތްކޮށްފިއެވެ. ނަމަވެސް ފުލުހުން އަދި ކަމާބެހޭ އެއްވެސް ފަރާތަކުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތެއްގެ ރިޔާސަތުގައެވެ. އެއީ ރާއްޖޭގައި އައިއެއްގެ ފިކުރު ފަތުރަން މަސައްކަތްކުރާކަަމށް ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ ޝަރީޢަތުގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ. އަދި ތިން ބާރުގެ ވެރިންނަށް ކުރިން ދެމުން އައި ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ