މިހާރު ކުރިއަށްދާ، އެޗްޑީސީގެ ސްމާޓް ސިޓީ ތަރައްގީކުރުމުގެ މަޝްރޫއުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީއިން ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫއުއަކީ ރާއްޖޭގައި ހިންގޭ މިފަދަ ފުރުތަމަ މަޝްރޫއެވެ. އެކުންފުނިން ހުޅުވާލި މި ފުރުސަތުގެ ތެރެއިން މަޝްރޫއުގެ ބައިވެރިވާ ފަރާތްތަކަށް ޑިޖިޓަލް ޕްރޮޑަކްޓެއް ނުވަތަ ހިދުމަތެއް ތައާރަފު ކުރާނަމަ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ޕްރޮޑަކްޓް ނުވަތަ ހިދުމަތް ޓެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޑިޖިޓަލީ ކަނެކްޓަޑް ސިޓީއެއް އުފެއްދުމަށް ބޭނުންވާ އުމްރާނީ އޮނިގަނޑު އެޗްޑީސީން ގާއިމު ކުރާއިރު މަޖުތަމަޢަށް ބޭނުންހުރި ޑިޖިޓަލް ވަސީލަތްތަކާ ހިދުމަތްތައް މިއިންފްރާސްޓްރަކްޗަރގެ ދަށުން ތައާރަފްކޮށް ހިންގާނީ މުޖުތަމައުގައި ތިބި ފަންނީ މީހުންނާ ކުންފުނިތަކުންނެވެ.
ހުޅުމާލެއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރެވޭ ސްމާޓް ސިޓީއެވެ. މިމަޝްރޫއުގެ ދަށުން ހުޅުމާލެ ވެގެންދާނީ ފަހުގެ ޓެކްނޮލޮޖީއާއި އައު އީޖާދީ ވަސީލަތްތަށް ތަރައްގީވެ ކުރިއަރާނެ ތަނަކަށެވެ. އަދި މިފަދަ ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ވަސީލަތްތަކަށް ރަށްވެހިން ފަރިތަވުމުން ދިރިއުޅުމާއި މަސައްކަތުގެ އެކި ދާއިރާތަކުންވެސް އެކިގޮތް ގޮތުން ގިނަ ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި ހުޅުމާލޭގެ ރަށްވެހިންނަށް ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދުޅަހެޔޮ އުފާވެރި މާހައުލެއްގައި ދިރިއުޅުން ބިނާކުރަން ފުރުސަތު ލިބޭނެއެވެ.
ސްމާޓް ސިޓީގެ ސަބަބުން ސިއްހީފަރުވާގެ ނިޒާމަށްވެސް ފައިދާހުރި ބަދަލުތަކެއް އަންނާނެއެވެ. ހަކަތަ ބޭނުންކުރާވަރު މަދުވެ ތިމާވެއްޓާއި ޖައްވު ތާޒާވެ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްހީ ގޮތުން ފައިދާ ކުރާނެއެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކާއި ހިދުމަތްތަކަށް އަދި ވިޔަފާރިތަކާ އެކި ފަންނީ ކޮމިއުނިޓީތަކާއި ރަށްވެހިންނާ އޮންނަ ގުޅުން އިތުރުވެ ބޭނުންވާ ވަސީލަތްތަކާ ހިދުމަތްތަށް ގާތުން ލިބޭނެގޮތް ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ގިނަ ވަޒީފާތައް އުފެދި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުން ލިބޭނެއެވެ.
މިމަޝްރޫއުގައި އެޗްޑީސީއާއި އެކު މަސައްކަތް ކުރަން ފުރުސަތު ހުޅުވާލާފައިވަނީ އަމިއްލަ ފަރުދުންނާއި، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭގޮތަށެވެ. މަޝްރޫއުގެ ބައިވެރިންނަށް ދިރާސާކުރުމާ ތަރައްގީކުރުމެގެ އެކި މަރުހަލާތަކުގައި އެޗްޑީސީ އަދި އެހެނިހެން ފަންނީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ސްމާޓް ސިޓީ ޕާޓްނަރއަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކް ބޭނުންކޮށްގެން ރެޖިސްޓަރ ކުރުމަށް އެޗްޑީސީން އެދެއެވެ.