ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާއުއަށް ތުހުމަތުކުރެވޭ 1 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލާގައި އޭނަގެ މައްޗަށް ދަޢުޗާކުރުމަށޢް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން މިއަދު ފޮނުވައިފިއެވެ.
އޭސީސީން ބުނީ، ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކުރަނީ، އެކުންފުނީގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރ އަކީ އިޢުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ ޙަވާލުކޮށްގެން 1,000,000 (އެއްމިލިއަން ރުފިޔާ) އަށް ޙަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލާގައިކަމަށެވެ.
މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ގެ މައްޗަށްކަމަށް އޭސީސީން ބުންޏެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށްވެސް އޭސީސީން ބުންޏެވެ.
މި މައްސަލާގައި އޭސީސީގެ ތަޙުޤީޤުން ފާހަގަކޮށްފައިވާ ކަންކަމިުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ވެމްކޯއިން ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ. ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު، ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުޙައްމަދު ޝިފާޢުކަމަށާއި، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ މުޙައްމަދު ޝިފާޢުގެ ބެލުމުގެ ދަށުންކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭކަމަށްވެސް އޭސީސީން ބުންޏެވެ. މީގެއިތުރުން، ނޮނި ސޮލިއުޝަންގެ އޯނަރ އާއި މުޙައްމަދު ޝިފާޢު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާކަމަށްވެސް އޭސީސީން ބުންޏެވެ.
ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުޞޫލާ ޚިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްކަން ފާހަގަކުރެވެއެވެ. އެގޮތުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް އިމަޖެންސީ ރިކުއެސްޓުހަދައި ނޮނި ސޮލިއުޝަންއާ މަސައްކަތް ހަވާލުކޮށްފައިވާއިރު، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ 8ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައި ނުވެއެވެ. އަދި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވެއެވެ.
– އޭސީސީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.
އޭސީސީން ބުނީ، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް މުދާ/ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ މުދާ/ޚިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ/ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ/ހިދުމަތް ކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި، ވެށިފާރަ ސޮފްޓްވެއަރ އަށް ގެނެސްފައިވާ އިސްލާހުތަކާއި، އޭގެ ފަހުން ވެމްކޯއަށް މުދާ/ހިދުމަތް ހޯދުމަށް ނޮނި ސޮލިއުޝަންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުކަމަށްވެސް އޭސީސީން ބުންޏެވެ.
އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ބުންޏެވެ.
އެހެންކަމުން، މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭނާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، މި މައްސަލައިގައި ޝިފާޢު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތާކަމަށްވެސް އޭސީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ